11 Feb 2014, 00:47
ބަޔާން މިޔުނިކުގެ މިޑްފީލްޑަރު ފްރެކްން ރިބެރީއަށް ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި އާސެނަލްއާ ދެކޮޅަށް އެޓީމު ކުޅޭ މެޗުގައި ނުކުޅެވޭނެ ކަމަށް ބަޔާން އިން ބުނެފި އެވެ.
އުމުރުން 30 އަހަރުގެ ފްރާންސް މިޑްފީލްޑަރު ވަނީ، "ފަޅައިގެން ގޮސްފައިވާ ލޭނާރެއް ރަނގަޅު ކުރުމަށްޓަކައި" މި މަހުގެ ހަވަނަ ދުވަހު "ބަޓޮކް ސާޖަރީ"އެއް ހަދައިފަ އެވެ.
"ހޯމަދުވަ ހެދި ޓެސްޓުތަކުން ދައްކާގޮތުގައި ދުޅަވެފައިވާ ނާރު އެއްކޮށް ވަނީ ސާޖަރީ ހަދައިގެން ނަގާފައި. އެހެން ކަމުން ރިބެރީގެ އެކްސަސައިޒް ތެރަޕީތައް ފަށާނީ އަންނަ ހަފުތާގައި،" ބަޔާންގެ ވެބްސައިޓުގައި ވެއެވެ.
ޖަރުމަނާއި އަދި ޔޫރަޕްގެ ޗެމްޕިއަން އިން ބުނީ، އޮޕްރޭޝަނަށްފަހު، ޓީމުގެ ފަރިތަކުރުންތަކުގައި ރިބެރީ ބައިވެރިވާނީ އަންނަ ހަފްތާގައި ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖްގެ ފުރަތަމަ ލެގުގައި އާސެނަލްއާ ދެކޮޅަށް ބަޔާން ކުޅޭ މެޗުގެ އޮންނާނީ އެމިރޭޓްސް ސްޓޭޑިއަމްގައި މިމަހުގެ 19 ވަނަ ދުވަހު އެވެ. އަދި ދެވަނަ ލެގުގައި މިދެޓީމު ވާދަކުރާނީ މާޗު މަހުގެ 11 ވަނަ ދުވަހު އެވެ.
ފީފާ ބެލޮންޑިއޯއަށް ވާދަކުރި އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނުނު ރިބެރީ ވަނީ، މިދިޔަ ސީޒަންގައި ބަޔާން ހޯދި ތާރީހީ ކާމިޔާބު ހޯދުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.