11 Feb 2014, 00:23
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓު ދޫކުރުން ފަދަ މަސައްކަތްތައް މާލޭ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ހަމަޖައްސަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީން ކުރަން އުޅޭ ކަމަކީ މިނިސްޓްރީތައް ބާކީކޮށްލުމަށް ފަހު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލަށް ހޯދައިދިނުން ކަމަށެވެ.
"އަޅުގަނޑުމެން ކުރާން މިއުޅޭކަމަކީ އެ ޕްރޮގްރާމް ހިންގުމުގެ ގާނޫނީ ބާރުވެރިކަން މާލޭ ސިޓީ ކައުންސިލަށް ދިނުން. ހަގީގަތުގައި މި މިނިސްޓްރީތައް ބާކީކޮށްލުން. މާލޭ ސިޓީ ކައުންސިލަށް ތިބޭފުޅުންނަށް ޚިދުމަތްކުރެވޭނެ ގޮތް ހޯދައިދިނުން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ވެށި ފަހިމާލެ ޕްރޮގްރާމް ހިންގަންޖެހޭނީ ހައުސިން މިނިސްޓްރީން ނޫންކަމަށާއި އެއީ މާލޭ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ހުރިހާ އަސާސީ ޚިދުމަތްތައް ފުރަތަމަ ދަރަޖައިގައި ދޭންޖެހޭނީ މާލޭ ސިޓީ ކައުންސިލުން ކަމަށާއި އެ ގާނޫނީ ބާރުވެރިކަން ރައްޔިތުންގެ މަޖިލީހުން ހޯދައިދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ލާމަރުކަޒީ އުސޫލުން މާލެ ހިންގުމަށް ބޭނުންވާ އިސްލާހުތައް ގާނޫނަށް ގެނައުމުން މާލޭ ސިޓީ ކައުންސިލުން ގުޅީފަޅާއި ހުޅުމާލެ ހިއްކާނެ ކަމަށާއި އެގޮތަށް ހެދުމުން އެކަން ނުކުރެވިގެން އުޅެން ނުޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.