16 Dec 2010, 13:38
ހުޅުމާލޭ ހޮސްޕިޓަލުން ސިޒޭރިއަން ހައްދައިގެން ނެގި ކުއްޖެއްގެ ބޮލުގައި ޑޮކްޓަރުންގެ އިހުމާލުން ރޮނގެއްގެ ސިފައިގާވާ ކޫރުމެއް އެޅިފައިވާ ކަމަށް އާއިއިލާ އިން ބުނެފި އެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި މި ސިޒޭރިއަން ހައްދާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ސިޒޭރިއަންގައި ނެގި ތުއްތު ފިރިހެން ކުއްޖާ މިވަގުތު އޮތީ އައިޖީއެމްއެޗްގަ އެވެ. އާއިލާއިން އެ މައުލޫމާތު ދިނުމުން މިއަދު ސަންގެ ނޫސްވެރިން ދިޔައިރު ތުއްތު ކުއްޖާގެ ބޮލު މެދުން ތިން އިންޗިހާ ތަނުން ރޮނގެއް އެޅިފައި ހުއްޓެވެ. އެ ރޮނގުގެ މަތިން ކޮންމެ ވެސް ވަރަކަށް އައިސްފައިވާ ލޭ ހުރީ ހިކިފަ އެވެ. އެ ކުއްޖާގެ ބޮލުގެ މެދެއްހާ ހިސާބުން ފާޅުވާން ހުރި ރޮނގުގެ ފެށޭ ދިމާލުންނާއި ނިމޭ ހިސާބުން، ތަން ކޮޅެއް ފުންކޮށް ކަފައިގެން ގޮސްފައި ހުއްޓެވެ.
އެ ކުއްޖާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ނަން ހާމަ ނުކުރުމަށް އެދުނު މީހަކު މިއަދު ބުނީ އޭނާގެ ކޮއްކޮ، ބަނޑުގައި ރިއްސާތީ ހުޅުމާލޭ ހޮސްޕިޓަލަށް ދެއްކުމުން ހާލު ދެރަކަމަށް ބުނެ ސިޒޭރިއަން ހައްދައިގެން ދަރިފުޅު ނެގުމަށް ފަހު އައިޖީއެމްއެޗަށް ފޮނުވާލީ ކަމަށެވެ. ކުއްޖާގެ މަންމަ ބުނީ ދަރިފުޅު ހުޅުމާލޭ ހޮސްޕިޓަލުން އައިޖީއެމްއެޗަށް ފޮނުވާލީ ސިޒޭރިއަން ހައްދައިގެން ބޯ ތާށިވެ، ނޭވާ ނުލެވިގެން ކަމަށް ބުނެ ކަމަށެވެ.
އާއިލާގެ މެންބަރު ބުނީ ދަރިފުޅުގެ ބޮލުގައި ރޮނގެއް އެޅިފައި ވަނީ ޑޮކްޓަރުގެ ނިޔަފަތިން ކަމަށް އައިޖީއެމްއެޗުން ބުނި ކަމަށާއި އެހެންނަމަވެސް އޮޕަރޭޝަން ކުރާއިރު ޑޮކްޓަރުން ކުއްޖާ ނަގާނީ އަންގި ލައްވައިގެން ކަމަށް ވާތީ އެހެންވެދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި ތުއްތު ކުއްޖާގެ ބޯ ސްކޭން ކޮށްގެން ޓެސްޓު ތައް ހަދާ ސާމްޕަލްތައް ނަގަން އޭޑީކޭ ފޮނުވާފައިވާ ކަމަށް ވެސް ބުންޏެވެ. ސިޒޭރިއަން ހެއްދި ކުއްޖާގެ ބޮލުގައި ޒަހަމަކަށްވާ ކަހަލަ ރޮނގެއް ހުރި ނަމަވެސް އެކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ދަރިފުޅުގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުން ވެސް ބުނެފައިވާ ކަމަށް އާއިލާއިން ބުންޏެވެ. މިމަކާ ގުޅިގެން ގުޅިގެން އައިޖީއެމްއެޗުން މައުލޫމާތެއް އޮޅުންފިލާފައި ނުވާއިރު ހުޅުމާލޭ ހޮސްޕިޓަލާ ގުޅުމުން ވަނީ މައުލޫމާތެއް ނުދީފަ އެވެ.