ޔަމަނަށް ގެންނަ ސިޔާސީ އިސްލާހުތަކުގެ ތެރޭގައި، ހަ ސަރަހައްދެއްގެ މައްޗަށް އެކުލެވިފައި އޮންނަ ފެޑެރޭޝަނަކަށް އެ ގައުމު ބަދަލު ކޮށްލާން ރިޔާސީ ޕެނަލުން ނިންމައިފައި ވާ ކަމަށް، ޔަމަންގެ ރަސްމީ ނޫސް އޭޖެންސީ "ސަބާ" އިން ޚަބަރު ދީފިއެވެ.

ފެޑެރަލް ދައުލަތަކަށް ޔަމަން ބަދަލު ކޮށްލުމަށް ނިންމި ބައްދަލުވުމުގައި ރައީސް ޢަބްދު ރައްބޫ މަންޞޫރު ހާދީގެ އިތުރުން، ޔަމަނުގެ އެންމެ ބޮޑު ސިޔާސީ ޕާޓީތަކުގެ މަންދޫބުން ވެސް ބައިވެރި ވެވަޑައިގަތް ކަމަށް "ސަބާ" ނޫސް އޭޖެންސީން މިއަދު ޚަބަރު ދީފައި ވެއެވެ.

ހަ ސަރަހައްދަކަށް ޔަމަން ބަހައިލާން ލަފާ ދިނީ ޔަމަނުގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ބޭއްވުނު "ގައުމީ ހިވާރަކަށް" ފަހު، ރައީސް ހާދީ އުފެއްދެވި ކޮމިޓީއަކުންނެވެ. ރިޔާސީ ޕެނަލުން އެ ލަފާ ގަބޫލު ކޮށް ފާސް ކުރުމާ ގުޅިގެން، ޔަމަނުގެ އައު ޤާނޫނުއަސާސީގައި ގައުމުގެ ސަރަހައްދުތައް ކަނޑައެޅޭނީ އެގޮތަށެވެ. އައު ޤާނޫނުއަސާސީ އަހަރެއްހައި ދުވަހުގެ ތެރޭގައި ފާސް ކުރެވި ތަޞްދީޤު ކުރެވޭނެ ކަމަށް ބެލެވެއެވެ.

ޔަމަން ބަހައިލެވޭނީ އަޒަލް، ސަބާ، ޖަނަދް، ތަހާމާ، ޢަދަން، އަދި ޙަޟްރަމައުތު މި ހަ ސަރަހައްދަށެވެ. ވެރިރަށް ސަންޢާ ނިސްބަތް ވަނީ މީގެ ތެރެއިން އަޒަލް ސަރަޙައްދަށެވެ.

ޔަމަނުގެ ސިޔާސީ ޕާޓީތަކުގެ ޚިޔާލު ތަފާތު ވެގެން ދިޔައީ، ޔަމަނުގެ ފެޑެރޭޝަން ބަހައިލާނީ ހަ ބަޔަކަށް ތޯ ނުވަތަ ދެ ބަޔަކަށް ތޯ މި ސުވާލާ މެދުގައެވެ.

ޔަމަނުގެ ދެކުނުގެ ސަރަޙައްދުތަކުގެ ރައްޔިތުންގެ ތެރޭގައި ވަކި ވެގަތުމުގެ ޚިޔާލު ކޮންމެވެސް ވަރަކަށް އޮތުމާ ގުޅިގެން، ހަ ސަރަޙައްދަކަށް ގައުމު ބަހައިލާން ނިންމީ ދެކުނުގެ ސަރަޙައްދުތައް ވެސް ތަފާތު ބައިތަކަކަށް ބެހިގެން ދާނޭ ގޮތަށެވެ. ނަމަވެސް، މުޙައްލިލުން ވަނީ ހަ ސަރަޙައްދަކަށް ބަހައިލާން ނިންމުނު ނިންމުމާ މެދު ދެކުނުގެ ސަރަޙައްދުތަކުގެ ރައްޔިތުން އިއުތިރާޒު ކޮށްފާނެ ކަމަށް ވިދާޅުވެފައެވެ.

ދެކުނު ޔަމަން 1967 އިން ފެށިގެން 1990 އާ ހަމަޔަށް އޮތީ ވެސް ވަކި ދައުލަތެއްގެ ގޮތުގައެވެ. 1990 ވަނަ އަހަރު ދެކުނު ޔަމަނާއި އުތުރު ޔަމަން އެއް ކޮށްލެވުނު ނަމަވެސް، އޭގެ ހަތަރު އަހަރު ފަހުން ދެކުނު ޔަމަން ވަނީ ވަކި ވެގަތުމުގެ ހަނގުރާމައެއް ވެސް ކޮށްފައެވެ. އެ ދާޚިލީ ހަނގުރާމަ ނިމުނީ، އުތުރު ޔަމަންގެ ސިފައިން، ވަކި ވެގަންނާން މަސައްކަތް ކުރަމުން ގެންދިޔަ ދެކުނުގެ ޖަމާއަތްތައް ބަލި ކުރުމާ ގުޅިގެންނެވެ.

ޔަމަނުގައި "ގައުމީ ހިވާރު" ގެ ނަމުގައި ވާހަކަދެއްކުންތައް ފެށުނީ، ކުރީގެ ރައީސް ޢަލީ ޢަބްދުﷲ ޞާލިޙުގެ 33 އަހަރުގެ ވެރިކަމާ ދެކޮޅަށް ޔަމަނުގައި މުޒާހަރާތައް ކުރާތާ އެއް އަހަރު ފަހުން، 2012 ވަނަ އަހަރު ރައީސް ޢަލީ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ވާހަކަދެއްކުންތައް ރާވައި ކުރިޔަށް ގެންދަނީ އަލިފުދާލުން އެކަށައަޅައިދިން މަގުޗާޓަކާ އެއްގޮތަށެވެ.