10 Feb 2014, 23:34
އިސްލާމް އާބާދު (ފެބްރުއަރީ 10) : ޕާކިސްތާން ސަރުކާރުން ތާލިބާނުންނާއެކު ފަށާފައިވާ ސުލްހައިގެ ވާހަކަތަކުގައި ޕާކިސްތާންގެ ޖަލުތަކުގައިވާ ތާލިބާނުންގެ ހުރިހާ އަސީރުން މިނިވަންކުރުމާއި ތާލިބާނުންގެ ބާރުގަދަ ވަޒީރުސްތާން ސަރަހައްދުން ޕާކިސްތާނުގެ ސިފައިން ބޭލުން ތާލިބާނުން ޝަރުތުކޮށްފި އެވެ.
މިކަން ހާމަކުރައްވަމުން ތާލިބާނުންގެ ތަރުޖަމާނަކު ވިދާޅުވީ އަސީރުން މިނިވަން ކުރުމާއި ވަޒީރުސްތާނުން ސިފައިން ބޭލުމުގެ މައްސަލަ މުހިއްމު ދެމައްސަލައިގެ ގޮތުގައި ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށާ މިކަންތައްތައް ހުށަހެޅީ ނަވާޒް ޝަރީފުގެ ސަރުކާރު ސުލްޙައާމެދު ސީރިޔަސްވާ މިންވަރާއި އެސަރުކާރުން ސުލްޙައަށްޓަކައި ގުރްބާނީތަކެއްވާން ތައްޔާރަށްއޮތްކަން ތަޖްރިބާކޮށްލުމަށް ކަމުގަ އެވެ. ތާލިބާނުންގެ މިހުށަހެޅުންތަކާމެދު ޕާކިސްތާން ސަރުކާރުން ވަކިއެއްޗެއް އަދި ބުނެފައިނުވާ ކަމަށް ޚަބަރުލިބެ އެވެ.
ޕާކިސްތާން ސަރުކާރާއި ތާލިބާނުން މިދިޔަ ބުރާސްފަތި ދުވަހުވަނީ ސުލްޙައިގެ ވާހަކަތައް އުސޫލެއްގެ ގޮތުން ފަށައިފަ އެވެ. ނަމަވެސް ސުލްހައިގެ ވާހަކަތައް ކުރިޔަށްގެންދިޔުމުގެ ޝަރުތެއްގެ ގޮތުގައި (ތާލިބާނުން އިސްލާމީ ޝަރީޢަތް ތަފްސީރުކުރާ ގޮތަށް އަދި އެގައުމުގެ އެންމެން ޝާމިލްވާގޮތަށް) މުޅި ޕާކިސްތާނުގައި އިސްލާމީ ޝަރީއަތް ގާއިމް ކުރުމަށް ހުށަހެޅުމާއެކު ދެފަރާތުގެ ދެމެދުގައި ޚިޔާލު ތަފާތުވެ ވާހަކަތައްވަނީ މެދުކަނޑާލާފަ އެވެ.
މީގެއިތުރުން ޕާކިސްތާނަށް އެމެރިކާ ދެމުންގެންދާ ޑްރޯން ހަމަލާތައް ހުއްޓާލުމަށް އެމެރިކާއަށް ޕާކިސްތާން ސަރުކާރުން އެމެރިކާއަށް މަޖްބޫރު ކުރުވުމާއި ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ، ޕާކިސްތާނާ ދެކޮޅަށް ހިންގާ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވާނެކަމުގެ ގެރެންޓީ ޕާކިސްތާނު ސަރުކާރުން ދިނުންވެސް ސުލްޙައިގެ ވާހަކަތައް ކުރިޔަށްގެންދިޔުމުގެ ޝަރުތެއްގެ ގޮތުގައި ތާލިބާނުންގެ ވަފްދުން ހުށަހަޅާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. (ނޫސްއެޖެންސީތައް)