ޔޫރަޕުގެ އިއްތިހާދުގެ ގައުމުތަކުގެ ރައްޔިތުން ސްވިޓްޒަރލޭންޑަށް ގޮސްއައިސް އުޅުމާއި އެ ގައުމުގައި ދިރިއުޅުމުގެ ކަންތައްތައް ކުރީން އޮތް ގޮތް ބަދަލު ކޮށް، ކޯޓާގެ ހަރުކަށި ނިޒާމެއް ބޭނުން ކޮށްގެން ބިދޭސީންގެ އަދަދު މަދު ކުރާން ސްވިޓްޒަރލޭންޑުން ނިންމި ނިންމުމާ މެދު ފަރަންސޭސި ވިލާތާއި ޖަރުމަނު ވިލާތުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

އިއްޔެ ސްވިޓްޒަރލޭންޑުގައި ނެގުނު ފެންނަނުފެންނަ ވޯޓެއްގައި، އެ ގައުމުގެ ރައްޔިތުންގެ 50.3 އިންސައްތަ މީހުން ވޯޓު ދީފައި ވަނީ އެ ގައުމަށް އެތެރެ ވެ ދިރިއުޅޭ ބިދޭސީންގެ އަދަދު މަދު ކުރުމަށް ޓަކައި ކޯޓާގެ ހަރުކަށި ނިޒާމެއް ތައާރަފު ކުރުމަށެވެ. މި ނިންމުމާ ގުޅިގެން، އިއްތިހާދުގެ ގައުމުތަކުގެ ރައްޔިތުން ހުރަހެއް ނެތި ސްވިޓްޒަރލޭންޑަށް ގޮސްއައިސް އުޅުމާއި އެ ގައުމުގައި ދިރިއުޅުމަށް ފުރުސަތު ދޭ ގޮތަށް، 2007 ވަނަ އަހަރު އިއްތިހާދާއި ސްވިޓްޒަރލޭންޑާ ދެމެދު ވެވިފައި އޮތް އެއްބަސްވުން އުވައިލެވޭނެއެވެ.

ސްވިޓްޒަރލޭންޑުގެ ނިންމުމާ ގުޅިގެން ޖަރުމަނުގެ މާލީ ވަޒީރު ވުލްފްގޭންގް ޝޮއުބްލް ވިދާޅުވީ "މީގެ ސަބަބުން ސްވިޓްޒަރލޭންޑަށް ގިނަގުނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ" ކަމަށެވެ.

ފަރަންސޭސި ޚާރިޖީ ވަޒީރު ލައުރެންޓް ފޭބިއަސް ވިދާޅުވީ "ބަންދު ވެގަނެ، އަމިއްލަ ސަރަހައްދަށް ނަޒަރު ހުސް ކޮށްލުމުގެ ވިސްނުމެއް ގެންގުޅޭ ނަމަ ސްވިޓްޒަރލޭންޑަށް އޭގެ ސަބަބުން ގެއްލުންތަކެއް ވާނެ" ކަމަށެވެ.

ޔޫރަޕިއަން ކޮމިޝަނުން ބުނެފައި ވަނީ ސްވިޓްޒަރލޭންޑުގެ ނިންމުމާ މެދު ހިތާމަ ކުރާ ކަމަށާއި، މި ނިންމުމުގެ ސަބަބުން ނުކުންނާނެ ނަތީޖާތަކަކީ ކޮބައިތޯ ބަލައި ދިރާސާ ކުރާނެ ކަމަށެވެ. ކޮމިޝަނުގެ ބަޔާނެއްގައި ބުނެފައި ވަނީ "ސްވިޓްޒަރލޭންޑުގެ ވޯޓަކީ، އެ ގައުމާއި ޔޫރަޕުގެ އިއްތިހާދާ އެކުގައި ވެވުނު، މިނިވަންކަމާ އެކު މީހުން ގޮސްއައިސް އުޅުމުގެ އުޞޫލު ގާއިމު ކުރުމުގެ އެއްބަސްވުމާ ޚިލާފު" ވޯޓެއް ކަމަށެވެ.

ސްވިޓްޒަރލޭންޑަށް ބިދޭސީން ގޮސްއައިސް އުޅުމާއި އެ ގައުމުގައި ބިދޭސީން ދިރިއުޅުމާއި ވަޒީފާ އަދާ ކުރުން ހުއްޓުވުމަށް ޓަކައި ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމުގެ ޚިޔާލަކީ، އެ ގައުމުގެ ކަނާއަތު ފިޔައިގެ "ސްވިސް ޕީޕަލްސް ޕާރޓީ" (އެސްވީޕީ) ގެ އިސް ނެގުމެކެވެ.

މި ދަނޑިވަޅަކީ ގައުމުގައި ދިރިއުޅޭ އަދި ވަޒީފާ އަދާ ކުރާ ބިދޭސީންގެ ސަބަބުން ކުރިމަތި ވާ އަދި ކުރިމަތި ވެދާނެ ބޮޑެތި ގޮންޖެހުންތަކާއި މައްސަލަތަކާ މެދު ޔޫރަޕުގެ ބޮޑެތި ހުރިހާ ގައުމުތަކެއްގައި ހޫނު ބަހުސްތަކެއް ކުރެވެމުން ދާ ދަނޑިވަޅެކެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، މި ބަހުސް ފެށިފައި ވަނީ ޔޫރަޕަށް ހިޖުރަ ކޮށްގެން ދިރިއުޅޭ މުސްލިމުންނާއި އެފްރިކާ ދަރިކޮޅުގެ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރު ވަމުން ދިޔުމާ ގުޅިގެންނެވެ.

ވަރަށް ބޮޑަށް މުސްތަގިއްލު އަދި މިނިވަން ސިޔާސަތުތަކެއް ގެންގުޅޭ ސްވިޓްޒަރލޭންޑަކީ ޔޫރަޕުގެ އިއްތިހާދުގެ މެންބަރު ގައުމެއް ނޫނެވެ. ނަމަވެސް އިއްތިހާދުގެ ސިޔާސަތުތަކާ އެއްގޮތަށް ސްވިޓްޒަރލޭންޑުގެ ގިނަ ކަންކަން ބައްޓަން ކުރެވި، އީޔޫއާ އެކު ތަފާތު އެތައް އެއްބަސްވުންތަކެއް ހެދި ޚާއްސަ ގުޅުންތަކެއް އެކިއެކި ދާއިރާތަކުގައި ގާއިމު ކުރެވިފައި ވެއެވެ.

ޔޫރަޕުގެ އިއްތިހާދުގެ އިޤްތިޞާދު އެއް ބާޒާރަކަށް ހެދުމަށް ޓަކައި ގާއިމު ކުރެވިފައި އޮންނަ ނިޒާމުގެ މައިގަނޑު އެއް ތަނބަކީ، ވަޒީފާގެ ބޭނުމުގައްޔާއި ވިޔަފާރީގެ ބޭނުމަށް ޓަކައި އިއްތިހާދުގެ އެއް ގައުމަކުން އަނެއް ގައުމަށް ދަތުރު ކުރާ މީހުންނަށް އެއްވެސް ހުރަހެއް ނެތި އެކަން ކުރެވޭ ގޮތަށް އޮތުމެވެ. މި ނިޒާމުގެ ތެރެއަށް ސްވިޓްޒަރލޭންޑް ވަދެފައި ވަނީ 2000 ވަނަ އަހަރު އެ ގައުމުގެ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކުން އާނބަސް ބުނެ، 2007 ވަނަ އަހަރު އިއްތިހާދާ އެކު ވެވުނު އެއްބަސްވުމުގެ ދަށުންނެވެ.

2007 ވަނަ އަހަރުގެ އެއްބަސްވުން އުވައިލުމަށް ޓަކައި އައު ވޯޓެއް ނެގުމަށް ގޮވައިލައި ކެމްޕޭނު ކުރަމުން، އެސްވީޕީން ބުނެފައި ވަނީ އެ އެއްބަސްވުމަކީ ބޮޑު ގޯހެއް ކަމަށެވެ.

500 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޔޫރަޕުގެ އިއްތިހާދަކީ ސްވިޓްޒަރލޭންޑުގެ އަހަރީ އެކްސްޕޯރޓުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު މިންވަރެއް ގަންނަ ބާޒާރެވެ.

ސްވިޓްޒަރލޭންޑުގެ އިގްތިސާދު މި ވަގުތު އޮތީ ކުރިއެރުމުގެ ފައްތަރެއްގައެވެ. މި ދިޔަ އަހަރު އެ ގައުމަށް 80000 ބިދޭސީން އަލަށް އެތެރެ ވެފައި ވެއެވެ. ގައުމުގެ އާބާދީގެ 23 އިންސައްތަ އަކީ ބިދޭސީންނެވެ. ލަގްޒެމްބާރގަށް ފަހު، ޔޫރަޕުގައި ބިދޭސީ އާބާދީގެ ނިސްބަތް އެންމެ މަތި ގައުމަކީ 8 މިލިއަނުގެ އާބާދީއެއް އޮންނަ ސްވިޓްޒަރލޭންޑެވެ.