ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ކުށް ޝަރީއަތަށް ސާވިތުވެ 18 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ މ. ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒު އަބްދުއްރައްޒާގު (ސަފާ) އެ މައްސަލަ އިސްތިއުނާފުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ސަފާގެ ގާނޫނީ ޓީމުން ބުނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނީ އިއްޔެ ކަމަށެވެ.

ވަކީލުންގެ ޓީމުން ބުނީ އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ ސަފާ ރާއްޖެއިން ބޭރުގައި ހުރެގެން، އުސޫލުތަކާ ޚިލާފަށް ކަމަށް ދޭހަވާގޮތަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރިނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށެވެ.

"އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ އިއްޔެ. ނަމަވެސް ރާއްޖެއިން ބޭރަށް ދިޔުމުގެ ކުރިން ސަފާ ވަނީ ފޯމްގައި ސޮއިކޮށްފައި. އެހެންވީމަ ކޮބައިތޯ އުސޫލުތަކާ ޚިލާފަށް ކުރިކަމަކީ،" ވަކީލުންގެ ޓީމުން ބުންޏެވެ.

ސަފާއަކީ 2005 އަހަރުން ފެށިގެން ފުޅާދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަމުން އަންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ފުރުސަތަކަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ސަފާ އެދުމުން އެ ފުރުސަތު އޭނާ އަށް ދީފައި ވާތީ އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރާފަ އެވެ.