އަރަބި ބަހުގެ ތައުލީމް މުޅި ރާއްޖޭގައި އާންމު ކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ ‏‏މަސައްކަތްތަކެއް މި ސަރުކާރުން ކުރާނެ ކަމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން ހާސިލް ކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ސްކޫލުތަކުގައި އަރަބި ބަސް ކިޔަވައިދިނުން ރަސްމީކޮށް ފެށުމަށް މިއަދު ހިރިޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ އަރަބި ބަސް ކިޔަވައިދޭން ފެށުމަކީ ސަރުކާރުން ނިންމި ވަރަށް މުހިންމު ނިމްމުމެއް ކަމަށެވެ.

"މުޅި ރާއްޖޭގެ ރައްޔިތުންނަށް މި ކަން ފުޅާކުރުމުގެ ނިޔަތް ސަރުކާރުގެ އެބަ އޮތް. އެކަންވެސް މި ސަރުކާރުން ކުރާނަން. މިއީ ވަރަށް ބުރަ މަސައްކަތް. ސަރުކާރުން ނެންގެވި ވަރަށް މުހިއްމު ފިޔަވަޅެއް. ވަރަށް މުހިއްމު ނިންމުމެއް. މި ކަމަށްޓަކައި ކުރަންޖެހޭ ހަރަދުކުރުމަށް ސަރުކާރު އޮތީ ތައްޔާރަށް،" ނައިބް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަރަބިއްޔާ ސްކޫލް ފިޔަވައި އެހެނިހެން ސްކޫލްތަކުގައި އަރަބި ބަސް ތައާރަފްވުމުން ދަރިވަރުންގެ އަގީދާ ވަރުގަދަވެ ރައްޔިތުންގެ ތެރޭގައި ރިވެތި އަޚުލާގު ތައާރަފްވެގެންދާނެ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރާނީ ކޮންމެ ދަރިވަރަކީވެސް ރިވެތި އަޚުލާގެއްގެ ތެރެއިން ތަރުބިއްޔަތުވެގެން ނުކުންނަ ދަރިވަރަކަށް ހެދުމަށް ކަމަށް ވެސް ނާއިބް ރައީސް ވިދާޅުވި އެވެ.

"އަރަބި ބަސް އެނގުނީމަ ދަރިވަރުންގެ އަޚުލާގް ތަފާތުވެގެންދާނެ. އަރަބި ބަސް އިނގުމުގެ ނަތީޖާއަކަށްވެގެންދާނީ ކީރިތި ގުރުއާނަށް ލޯބި ޖެހުން. ކީރިތި ރަސޫލާގެ ހަދީސްފުޅުގެ މާނަ އެނގިގެން ދިއުން. އޭގެ ނަތީޖާއަކަށް ވެގެންދާނީ ތިޔަ ބެލެނިވެރިން ބޭނުންވާފަދަ ސޯލިހް ދަރިންތަކެއް މުޖުތަމައުއަށް އުފަންވެގެންދިއުން." ނާއިބް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތައް ގެނެސް ތައުލީމީ ނިޒާމަކީ އިސްލާމީ ތަރުބަވީ ތައުލީމެއްގެ މައްޗަށް ބިނާވެފައިވައި އޮތުމަކީ ގިނަ އަދަދެއްގެ ރައްޔިތުންގެ އެދުމެއް ކަމަށާއި އެގޮތުން ޚާއްސަ އިސްކަމެއްދީގެން އެކަން ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ ސްކޫލްތަކުގައި ހިންގޭ އެކިއެކި ޕްރޮގްރާމްތަކުގައި ތައުލީމާއި އަޚުލާގިއްޔާތު ތައާރަފް ކުރުމުގެ ޚާއްސަ ހަރަކާތްތަކެއްވެސް މި އަހަރު ތެރޭގައި ހިންގުމަށް އެޑިއުކޭޝަން މިނިސްޓަރީން ނިންމާފައިވާ ކަމަށެވެ.