10 Feb 2014, 19:10
އެލް މޯބައިލް ޔޫތު ޗެމްޕިއަންޝިޕްގެ ދެ ވަނަ ކުއާޓާ ފައިނަލްގައި މިއަދު ހަވީރު ފަހަތުން އަރައި ނިއު ރޭޑިއަންޓު ސްޕޯޓްސް ކުލަބު 2-1 ލަނޑުން ބަލިކޮށް، ކެލާ ނާޅި ސްޕޯޓްސް އެ މުބާރާތުގެ ސެމީ ފަނަލަށް ދަތުރު ކޮށްފި އެވެ.
އެފްއޭއެމްގެ އެއްނަންބަރު ޓާފް ދަނޑުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު، ފުރަތަމަ ހާފް ނިމެންދަނިކޮށް ނިއުއަށް ކާމިޔާބު ކޮށްދީ އެޓީމަށް ކުރި ހޯދައިދިނީ އިބްރާހިމް ވަހީދު އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ދެ ވަނަ ހާފުގައި ކެލާ ނާޅީގެ ހަސަން ނަވާޒް، ނިއުގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ދެ ވަނަ ރީދޫ ކާޑާއެކު އޭނައަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އެހެން ނަމަވެސް ކެލާ ނާޅިއަށް ހިތް ވަރެއް ލިބިގެން ދިޔައީ ނިއުގެ ޑިފެންޑަރު މުހައްމަދު އިހުސާން އަތުން 88 ވަނަ މިނެޓުގައި ބައިކޮޅަށް ލަނޑެއް ވަދެ މެޗުގެ ނަތީޖާ ހަމަހަމަ ވުމުންނެވެ.
މެޗުގެ އިތުރު ވަގުތުގައި ކެލާ ނާޅި މޮޅު ކޮށްދިން ލަނޑު އެޓީމަށް ޖަހައިދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޯދި މުހައްމަދު އަމީނެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި އަންނަ އާދިއްތަ ދުވަހު ހަވީރު 4:10 ގައި ކެލާ ނާޅި ނިކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.
މުބާރާތުގެ ތިން ވަނަ ކުއާޓާގައި މިރޭ 9:00 ގައި ބައްދަލުކުރާނީ މަހިބަދޫ ސްޕޯޓްސް ކްލަބާއި އޭދަފުށީ ޒުވާނުންގެ ކްލަބެވެ. އަދި މުބާރާތުގެ ފަހު ކުއާޓާގައި މާދަމާ ރޭ 9:00 ގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ވައިކަރަދޫ އެފްސީ އެވެ.