ޏ. ފުވައްމުލަކު ގެއެއްގެ ގިފިލިތެރޭގައި ބަނގުރާ ކެއްކި މީހަކު 1000ރ. އިން ޖޫރިމަނާ ކުރުމަށްފަހު ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ކޯޓަށް ދައްކައި ޚަލާސްކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އެ ހުކުމް ކޮށްފައި ވަނީ ޏ. ފުވައްމުލައް، ވިދާތަރި މުހައްމަދު ސައީދުގެ މައްޗަށެވެ.

އެ މައްސަލައިގައި އޭނާގެ އިތުރުން ހަމައެރަށު ނީސްވިލާ އިބްރާހީމް ޝަމްވީލްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި އެވެ. ނަމަވެސް އެ މައްސަލަ އަދިނިމިފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 6:55 އެހައިކަންހާއިރު ފުވައްމުލަކު ހޯދަޑު ނައީމީ ހައުސްގޭގެ ގިފިލިތެރެއަށް ފުލުހުން ގޮސް ބެލިއިރު މުހައްމަދު ސައީދު އެތަނުގައި ހުރި ކަމަށެވެ. އަދި އޭނާގެ ހާޒިރުގައި އެތަން ބަލައި ފާސްކުރި އިރު އެތަނުން ބަނގުރާ ކައްކަން ބޭނުންކުރާ އާލާތްތަކާއި ބަނގުރާ އަޅާފައިވާ ކަމަށް ބެލެވޭ 500 އެމްއެލްގެ ފުޅިއެއް ފެނުނުކަމަށް ހާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ހެކިބަހުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އެފުޅީގައި ހުރި ތަކެތި ތަހުލީލު ކުރި އިރު ބަނގުއާތްވަށް ޕޮޒިޓިވްވެފައިވާކަން ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.