ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާނީ، ސ. ހިތަދޫ، ހަބަރުމާގޭ އުމުރުން 33 އަހަރުގެ އައިމިނަތު ޝަފީގާ އާއި ދަފްތަރު ނަމްބަރު 2523، އުމުރުން 42 އަހަރުގެ މުޙައްމަދު މާއިފް އެވެ.

ފުލުހުން ބުނީ އެ ދެމީހުންގެ ތެރެއިން އައިމިނަތު ޝަފީގާ އަކީ ޑްރަގް ކޯޓަށް ފިލައިފާނެކަމަށް އެކޯޓަށް ގަބޫލު ކުރެވޭތީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދުގެ ދަށުން ފުލުހުންގެ މައްޗަށް ކުރި އަމުރަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.

މުހައްމަދު މާއިފް އަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ "ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ" ކުށުގެ މައްސަލައަކާއި ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވެ ހާޒިރުވެފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަމުންދާ މީހެއްކަމަށެވެ.

މާއިފްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ އެމްޑީޕީން މާލޭގައި ކުރި މުޒާހާރާއެއްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

އެ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.