16 Dec 2010, 13:37
ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި ސަބްމެރިންގެ ހިދުމަތްދޭ ކައުންޓަރު މި މަސް ހުސްވުމުގެ ކުރިން ނެގުމަށް އެ ކުންފުންޏަށް މިއަދު ނޯޓިސްދީފި އެވެ.
ސަބްމެރިންގެ ވެރިޔާ އަދި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވަމުން އަންނަ އުމަރު ނަސީރު މިއަދު ވިދާޅުވީ އެއާޕޯޓުގައި ހުރި ސަބްމެރިންގެ ކައުންޓަރު މި މަސް ހުސްވުމުގެ ކުރިން ނެގުމަށް އަންގާފައިވާ ކަމަށާއި އެހެނަސް އެތަނުގައި ހުރި އެހެން އެއްވެސް ކައުންޓަރެއް ނެގުމަށް އެންގިކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
"މިއީ ޖީއެމްއާރުން އަޅުގަނޑުގެ ވިޔަފާރިއަށް ހުރަސް އެޅުން. އެހެން އެއްވެސް ބައެއްގެ ކައުންޓަރެއް ނަގާކަށް ނާންގާ. އެހެންވީމަ އަޅުގަނޑު ބުނާނީ ސިޔާސީ ފިކުރު ތަފާތުވުމުން ވިޔަފާރިއަށް ހުރަސްނާޅާށޭ." އުމަރު ވިދާޅުވި އެވެ.
ނަމަވެސް ޖީއެމްއާރުގެ ދިއްލީ އޮފީހުން މިއަދު އީ މެއިލުން ދިން ޖަވާބުގައި ބުނީ ސަބްމެރިން މޯލްޑިވްސް އާ އެކު ކޮށްފައިވާ ކޮންޓުރެކްޓްގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާތީ އެ އެއްބަސްވުން އާކުރެވެން ނޯންނާނެ ވާހަކަ އެ ކުންފުންޏަށް ލިޔުމަކުން އަންގާފައިވާނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވެސް އެދިފައި ވާނެ ކަމަށެވެ.
"އެއާޕޯޓު ތަރައްގީކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ޓަކައި އެ ކައުންޓަރުގެ މުއްދަތު އިތުރު ނުކޮށްދެވޭނެ ވާހަކަ އަޅުގަނޑުމެން ވާނީ ލިޔުމަކުން ދަންނަވާފައި،" އެ އީމެއިލްގައިވެ އެވެ.
އެއާޕޯޓުގެ އެ ސަރަހައްދުގައި މިހާރު ހުރި އެހެން ކައުންޓަރުތަކަށް ނޯޓިސް އެއްދިންކަމެއް ނުވަތަ ނޫންކަމެއް އެ އީމެއިލަކުން ނޭނގެ އެވެ. އުމަރު ތުހުމަތު ކުރައްވަނީ ނަގަން އެންގީ އޭނާގެ ކައުންޓަރު އެކަނި ކަމަށެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް 25 އަހަރަށް ޖީއެމްއާރަށް ކުއްޔަށް ދިން މައްސަލާގައި އުމަރު ގެންދަވަނީ ފާޅުގައި އެކަމާ ދެކޮޅުހައްދަވަމުންނެވެ. ދާދިފަހުން އުމަރު ވަނީ އިންޑިއަން ހައިކޮމިޝަނުގެ ބައެއް އޮފިޝަލުންނާ ބައްދަލުކުރައްވައި އެ އެއްބަސްވުން އުވާލަން މަސައްކަތް ކޮށްދެއްވުމަށް އިންޑިއަން ހައިކޮމިޝަނުގެ ފަރާތުން އެދިވަޑައިގެންފަ އެވެ.