މަސްތުވާތަކެއްޗާ އެކު މއ. ކުއްޅަފިލާގެ އިން ހައްޔަރު ކުރި މީހަކު 15 އަހަރަށް ޖަލަށް ލުމާ އެކު 25،000ރ. އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ރ. އިންނަމާދޫ ފެމޯރާގޭ މުހައްމަދު ސަލީމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ހަވީރު 4:44 އެހައިކަންހާ އިރު ކޯޓު އަމުރެއްގެ ދަށުން ފުލުހުން މއ. ކުއްޅަފިލާގެ ބަލައިފާސްކޮށް ފައިވާ ކަމަށެވެ.

އެ ހުކުމްގައި ބުނެފައި ވަނީ އޭނާ ކުއްޅަފިލާގޭގައި އޭނާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރުމުގައި އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ރަބަރު ޕެކެޓެއް ފެނުނުކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ. އަދި އެ ޕެކެޓުގައިވާ ތަކެތި ތަހުލީލު ކުރި އިރު އޭގައި 0.9 ގްރާމް ޑައިމޯފިން (ހެރޮއިން) ހުރިކަން ތަހުލީލު ރިޕޯޓު އެނގެން އޮންނަ ކަމަށެވެ.

ސަލީމް ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގާފަ އެވެ.