10 Feb 2014, 17:02
އެމްޑީއޭގެ ޓިކެޓުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފި އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެމްޑީއޭގެ ނާއިބު ލީޑަރު އަލީ މައުރޫފް ވިދާޅުވީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ހަތް ކެންޑިޑޭޓުން ވެސް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވާފައިވާ ކަމަށެވެ.
މައުރޫފް ވިދާޅުވީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލުކޮށްފައި ވަނީ ޑިމޮކްރެޓިކް އުސޫލުން ޕްރައިމަރީއެއް ބާއްވައިގެން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޕާޓީން ވާދަކުރާ ހަތް ދާއިރާގެ ގޮނޑި ކާމިޔާބުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުން އެކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.
"ލޯކަލް ކައުންސިލް އިންތިޚާބުގައި އަޅުގަނޑުމެން ވާދަކުރި ހުރިހާ އަތޮޅު ކައުންސިލްތަކުގެ މެޖޯރިޓީ އަޅުގަނޑުމެން ވަނީ ހޯދާފައި. އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް ސާފު[ މި އިންތިހާބު ވެސް ހޯދޭނެ ކަމުގެ]،" މައުރޫފް ވިދާޅުވި އެވެ.
އެމްޑީއޭގެ ޓިކެޓުގައި ދ. މީދޫ ދާއިރާ އަށް ވާދަކުރައްވަނީ އެ ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދެވެ. ކުޑަހުވަދޫ ދާއިރާ އަށް ވާދަކުރައް ވަނީ އެ ޕާޓީގެ ނާއިބު ލީޑަރު އަހްމަދު އާމިރެވެ.
ނ. ކެނދިކުޅުދޫ ދާއިރާ އަށް އެ ޕާޓީގެ ނާއިބު ލީޑަރު އަލީ މައުރޫފް ވާދަކުރައްވާ އިރު ވެލިދޫ ދާއިރާ އަށް ވާދަކުރައް ވަނީ އަލީ ފާރިޝް ޔޫސުފެވެ. އަދި ހޮޅުދޫ ދާއިރާ އަށް އަލީ ޝާތިރު ވާދަކުރައްވާ އިރު މަނަދޫ ދާއިރާ އަށް ވާދަކުރައް ވަނީ އުމަރު ހުސައިން އެވެ. ހއ. ހޯރަފުށީ ދާއިރާ އަށް ވާދަކުރައް ވަނީ މުހައްމަދު އިސްމާއީލް އެވެ.