މި އަހަރުގެ ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތަށި ސްޕޯޓްސް ކުލަބް ފިއޮންތީގެ ޓީމުން އުފުލާލައިފި އެވެ.

މުބާރާތުގެ ތަށި ފިއޮންތީގެ ޓީމުން އުފުލާލީ ރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯޅުގައި ކުޅުނު ފައިނަލް މެޗުގައި ކުޅުދުއްފުށި ޔޫތު ރެކްރިއޭޝަންއާއި ވާދަކޮށް 64 ޕޮއިންޓު 24 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ މައްޗަންގޯޅި ވިމެންސް ސްޕޯޓްސް އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ، ކުޅުދުއްފުށި ޔޫތު ރެކްރިއޭޝަންގެ ރަޝީދާ މޫސާ އާއި ކުޅުދުއްފުށި ޔޫތު ރެކްރިއޭޝަންގެ އީނާޝް ނާފިއު އާއި ކުޅުދުއްފުށި ޔޫތު ރެކްރިއޭޝަންގެ ނަޒްރާ ނައީމް އާއި ކުޅުދުއްފުށި ޔޫތު ރެކްރިއޭޝަންގެ ރީމް ޝާމް އާއި ފިއޮންތީގެ ފާތިމަތު ރިޝްމާ އާއި ފިއޮންތީގެ އައިޝަތު ޝައްފަ އަދި ފިއޮންތީގެ މަރިޔަމް މިރުފަތެވެ.

ނެޓްބޯޅަ އެސޯސިއޭޝަންގެ މެންބަރުން ހިމެނޭ ގޮތަށް ކުޅުނު މިމުބާރާތުގައި ބައިވެރިވެފައި ވަނީ ޖުމްލަ ހަތަރު ޓީމެކެވެ. އެއީ ފިއޮންތީ އާއި ކުޅުދުއްފުށި ޔޫތު ރެކްރިއޭޝަން އާއި މަށްޗަންގޮޅި ވިމެންސް ސްޕޯޓްސް އަދި ޔޫތު އެލަޔަންސް އެވެ.

ނެޓްބޯޅަ އެސޯސިއޭޝަނުގެ ނައިބް ރައީސް މުހައްމަދު ނަބީލް ވިދާޅުވީ މި އަހަރަކީ ރާއްޖޭގެ ނެޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ ހަރަކާތްތައް ގިނަ އަހަރު ކަމަށާއި އެގޮތުން މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މުބާރާތް ތަކުގެތެރޭގައި ގައުމީ ނެޓްބޯޅަ މުބާރާތާއި އިންޓަ އޮފީސް ކޮމްޕެނީ މުބާރާތާއި ޕޭރެންޓް ޓީޗާ މުބާރާތް އަދި އަތޮޅު މުބާރާތް ވެސް ހިމެނޭ ކަމަށް ނަބީލް ވިދާޅުވި އެވެ.

ނެޓްބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް ތިން އަހަރުގެ ހަރަކާތްތައް ސްޕޮންސާކޮށްފައި ވަނީ ވީބީ ބްރަދާސް އިން ރާއްޖެ އެތެރެ ކުރަމުން އަންނަ ސްޓޭފްރީ އިނެވެ.