10 Feb 2014, 16:31
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީތަކުން ނިކުންނަ ދާއިރާތަކަށް އަދާލަތުން ވާދަކުރި ނަމަވެސް އިންތިހާބަށް ފަހު ވެސް ތިބޭނީ ސަރުކާރާ އެކު ސަރުކާރު ދިފާއު ކުރުމަށް ކަމަށް އެ ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވުމަށް ފަހު މިއަދު ނޫސްވެރިންނާ ވާހަކަ ދައްވަމުން އަލީ ޒާހިރު ވިދާޅުވީ އެ ޕާޓީގެ ކެންޑިޑޭޓުންނަށް ގޮނޑި "ކާމިޔާބުވި ކަމުގައި ވިއަސް އަދި އިންކޭސް ކާމިޔާބު ނުވިކަމުގައި ވިއަސް" ސަރުކާރަށް އެއްބާރުލުން ދިނުމުގައި ދެމި ތިއްބަވާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީން ވާދަކުރާ ދާއިރާތަކަށް އަދާލަތުން ވާދަކުރަނީ "ޖެއްސުން ކުރުމުގެ ގޮތުން" ކަމަށް އެ ޕާޓީން ބުނެފައި ވާތީ އަލީ ޒާހިރު ވަނީ އެ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ނިކުންނަ ދާއިރާތަކަށް އެ ޕާޓީން ވާދަކުރަނީ "ވަކި ބަޔަކަށް ޖެއްސުން ކުރާކަށް ނޫން" ކަމަށާއި އެހެން ޕާޓީތަކާ އެކު ކުރި މަޝްވަރާތައް ކާމިޔާބު ނުވުމުން ކަމަށެވެ.
"ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން ތިއްބެވި ދާއިރާތަކުގެ ތެރެއިން އަޅުގަނޑުމެން އެންމެ ހަ ދާއިރާއަކަށް މި ވާދަކުރަނީ. އެހެންވީމާ ޖެއްސުން ކުރުމުގެ ގޮތުން ނުވަތަ އެހެން ރޫހެއްގައި ކަމުގައި ވަނީ ނަމަ އަޅުގަނޑުމެނަށް ވެސް 28 ކެންޑިޑޭޓުން އަދަލަތު ޕާޓީން ވެސް ލިބުނީސް. އެހެން ނަމަވެސް އަޅުގަނޑުމެން އެގޮތެއް ބޭނުމެއްނުވޭ،" ޒާހިރު ވިދާޅުވި އެވެ.
އަލީ ޒާހިރު ވިދާޅުވީ އަދާލަތު ޕާޓީގެ ފަރާތުން ނިކުންނަ ކެންޑިޑޭޓުންނަކީ ރައްޔިތުން ބަލައިގަންނަ ކެންޑިޑޭޓުންތަކެއް ކަމަށް ޔަގީންއަރުވަން ބޭނުންވާ ކަމަށެވެ.
ކޯލިޝަން ތެރެއިން އަދާލަތު ޕާޓީގެ ކެންޑިޑޭޓުން ނެރުމަށް ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްއާ އެކު ކުރި މަޝްވަރާތައް ވަނީ ކާމިޔާބުނުވެފަ އެވެ.