ބްރޯޑްކާސްޓް ކުރުމަށް ލައިންސަންސް ދޫކޮށްފައިވާ 11 ޓީވީ ޗެނަލަކާއި ރޭޑިއޯ ޗެނަލަކުން ހިދުމަތް ނުފަށައިފިނަމަ ލައިންސަންސް ބާތިލް ކުރާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދީފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރާތާ އެއް އަހަރު ފަހުން އިތުރަށް ހިނގާ 12 މަސް ދުވަހުގެ ތެރޭގައި ބްރޯޑްކާސްޓް ކުރަން ފަށަން ޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހިދުމަތް ނުފަށާ ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލް ވާނެ ކަމަށް އެ ކޮމިޝަނުން ވަނީ އެ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

ބްރޯޑްކާސްޓް ކުރުމަށް 2012 ވަނަ އަހަރު ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ހިދުމަތް ނުފަށާވާ ފަރާތްތަކުގެ ލައިސަންސް ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ނ. އާއި ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ 19 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބާތިލްވާނެ އެވެ.

އެގޮތުން މިހާތަނަށް ލައިސަންސް ދޫކޮށް ހިދުމަތް ދޭން ފަށާފައިނުވާ ފަރާތްތަކަކީ "ޓީވީ 5 ޕްރައިވެޓް ލިމިޓެޑް"ގެ "ޓީވީ5" އާއި އެޓޯލްސް އިންވެސްމަންޓް މޯލްޑިވްސްގެ "އެޓޯލްޓީވީ" އާއި މީޑިއާ އަންލިމިޓެޑްގެ "ޗެނަލް 9" އާއި ޕިކްޗާ ލޭންޑްގެ "ސަން ޓީވީ" އާއި ކޮންސްޓްރާސްޓްގެ ޗެނަލްއެމް އާއި ބިޒްނަސް އިމޭޖް ގްރޫޕްގެ ރޭޑިއޯ އެފްއެފް އާއި އައިލެންޑް އެންޑް ކޮމިއުނިކޭޝަންގެ އައިސްޓީވީ އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ދިވެހި ޓީވީ އާއި ބްރޯޑްކާސްޓިން މޯލްޑިވްސްގެ ޗެނަލް ސެވަން އާއި އައިލެންޑް ބްރޯޑްކާސްޓިންގެ ވީޓީވީ އެކްސްޓްރާ އާއި އިންޓޯން މީޑިއާގެ އައި ޓީވީ އާއި ބްރޯޑްކާސްޓިންގް މޯލްޑިވްސްގެ ދިޓީވީ ސްޕޯޓްސް ހިމެނެ އެވެ.

މީގެ ތެރެއިން ހިދުމަތް ނުފަށައިފިނަމަ ބައެއް ޓީވީ ޗެނަލްތަކުގެ ލައިސަންސް މެއި މަހު ހަމަވާއިރު އެންމެ ގިނަ ދުވަހު ހިދުމަތް ނުފަށައި މަޑު ކުރެވެން އޮތީ އޮކްޓޯބަރާއި ހަމައަށް މީގެ ތެރެއިން އެންމެ ޗެނަލަކަށެވެ.