10 Feb 2014, 16:20
މެޗުތަކަށް ނުކުތުމުގެ ކުރިން ކުރީގެ ރެއާލް މެޑްރިޑް އަދި ބްރެޒިލް ތަރި ރޮނާލްޑޯގެ ވީޑިއޯތައް ބަލާ ކަމުގައި ރެއާލްގެ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާ ބުނެފި އެވެ.
ސްޕެނިޝް ލަލީގާގައި މިދިޔަ ހޮނިހިރު ދުވަހު ސެވިއްޔާ އާއި ދެކޮޅަށް ކުޅެ 4-2 ލަނޑުން ރެއާލް މޮޅުވި މެޗުގައި ބެންޒެމާ ކާމިޔާބުކުރި ދެ ލަނޑާ އެކު އޭނާ ވަނީ ކުރީގެ ތަރި ރޮނާލްޑޯ ރެއާލް އަށް ކާމިޔާބުކުރި ގޯލް ރެކޯޑާއި ހަމަހަމަ ކޮށްފަ އެވެ. ފުޓްބޯޅައިން ރިޓަޔާވެފައިވާ އުމުރުން 37 އަހަރުގެ ރޮނާލްޑޯ ރެއާލް އަށް 104 ގޯލް ކާމިޔާބުކޮށްފައިވެ އެވެ.
"ރެއާލް އަށް އެފަދަ މޮޅު ކުޅުންތެރިއެއް ކާމިޔާބުކުރި ލަނޑުތަކާއި އެއްވަރުކުރެވުމުން މިހިރީ ވަރަށް އުފާވެފައި." ބެންޒެމާ ބުންޏެވެ. "ޒައިނެއްދިން ޒަދާން އާއެކު އަހަރެންނަށް ރޮނާލްޑޯ އަކީ ފުޓްބޯޅަ ތާރީހުގެ އެންމެ މޮޅު ކުޅުންތެރިޔާ. އޭނާގެ ފަރާތުން އަހަރެންނަށް ގިނަ ކަންތައްތަކެއް ދަސްވި. އެގޮތުން އޭނާ ގޯލް ކުރިމަތީގައި ހަރަކާތްތެރިވާ ގޮތް ދަސްވި. އަހަރެން ކުޑައިރު ވެސް އަދި މިހާރު ވެސް ރޮނާލްޑޯގެ ވީޑިއޯތައް ބަލަން."
މިވަގުތު ރެއާލްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ޒިދާން އަށް ބެންޒެމާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
"މިޓީމަށް ޒިޒޫ ދަނީ ވަރަށް ރަނގަޅު މަސައްކަތެއް ކޮށްދެމުން. އަހަރެމެން ދެ މީހުން ކޮންމެ ދުވަހަކު ވެސް ގިނަ ވާހަކަތަކެއް ދައްކަން." އުމުރުން 27 އަހަރުގެ ބެންޒެމާ ބުންޏެވެ. "ޒިދާން އަކީ އަހަރެންނަށް ބޭބެއެއް ކަހަލަ މީހެއް. އޭނާގެ ފަރާތުން އަހަރެންނަށް ގިނަ ކަންތައްތަކެއް ދަސްވި. ވިޔަރެއާލް އާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޒިދާންގެ ފަރާތުން ގިނަ އިޜުޝާދުތަކެއް ލިބުނު."
ފާއިތުވި ސީޒަންތަކުގައި ރެއާލްގެ ފޯވާޑް ލައިނުން ޖާގަ ހޯދަން ބެންޒެމާ އަށް ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ގޮންޒާލޯ ހިގައިން ދިއުމާ ގުޅިގެން މިސީޒަނުގައި އާންމު ގޮތެއްގައި ބެންޒެމާ އަށް ޖާގަ ލިބެމުން ދެ އެވެ.