16 Dec 2010, 13:13
ދިވެހި ރައްޔިތުންގެ އިސްލާމީ އަގީދާ ފުނޑުފުނޑު ކޮށްލުމަށް ސަރުކާރުން ކުރަމުންދާ ކަންތައްތައް ހުއްޓާލުމަށް އަދާލަތު ޕާޓީން ގޮވާލާ ގޮވާލުންތަކަށް ސަރުކާރުން އިޖާބަ ނުދޭ ކަމަށް ބުނެ، އެމްޑީޕީ ކޯލިޝަނުން ވަކިވާން އަދާލަތު ޕާޓީން މަޝްވަރާ ކުރަން ފަށައިފި ކަމަށް އެ ޕާޓީން ބުނެފި އެވެ.
ސަރުކާރާ އެކު ބައިއަތު ހިފައިފައިވާ އަދާލަތު ޕާޓީގެ ގާނޫނީ މުޝީރު އަސަދުﷲ ޝާފީ މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންގެ އަގީދާ ފުޑުފުޑު ކުރުމަށް ކަމަށާއި ދިވެހިންގެ ތެރޭގައި އުފައްދަމުންދާ ލާދީނީ އަމަލުތައް ހުއްޓުވުމަށް އެދި އަދާލަތު ޕާޓީން ސަރުކާރުގައި އެތައް ފަހަރެއްގެ މަތިން އެދިފައިވާނެ ކަމަށާއި ސިޔާސީ ގޮތުން އަދާލަތު ޕާޓީއަށް ކުރެވެން އޮތް ހުރިހައި ކަމެއް ކުރާ އިރު ވެސް ސަރުކާރުން އިޖާބަ ނުދިނުމުން އެމްޑީޕީ ކޯލިޝަނުން އެ ޕާޓީ ވަކިވުމަށް، ޕާޓީގެ މަޝްވަރާ މަޖިލީހުގައި ބަހުސްކޮށްފައިވާ ކަމަށެވެ. އަދި އިތުރު ބައްދަލުވުމެއް ބާއްވައި އެކަމަށް ގޮތެއް ނިންމާނެ ކަމަށް ވެސް އަސަދުﷲ ޝާފިއީ ވިދާޅުވި އެވެ.
ނަމަވެސް އެ ބައްދަލުވުން ބާއްވާނެ އިރެއް އޭނާ ވިދާޅެއް ނުވެ އެވެ.
"ސިޔާސީ ގޮތުންނާއި އިދާރީ ގޮތުން ކުރާ މަސައްކަތްތަކަށް ސަރުކާރުން އިޖާބަ ނުދިނުމުން އަޅުގަނޑުމެން މިދަނީ އެ ކަމާ ވަރަށް ސީރިއަސްކޮށް ވިސްނަމުން. ކޯލިޝަނުން ވަކިވާން ޕާޓީގެ މަޝަވަރާ މަޖިލީހުގައި ބަހުސްކޮށްފައި ވަނީ. އަޅުގަނޑުމެންގެ ތެރެއިން ސަރުކާރުގައި ތިއްބެވި ތިން ބޭފުޅުންނަކީ [އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިހު ހުސައިން ރަޝީދު އަހުމަދާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް މުހައްމަދު ޝަހީމް އަލީ ސައިދު] އަމިއްލަ ޒާތުގައި މަސައްކަތްކޮށްގެން އުޅެވޭ އިލްމީ ބޭފުޅުން. ސަރުކާރަށް އެ ކަން ވަރަށް ރަގަނޅަށް އިނގޭނެ. ސަރުކާރުގައި ތިބެނީ ކާންބޯން ނުލިބެގެނެއް ނޫން. ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މަތިވެރި މަގުސަދުގައި. އެކަން ސަރުކާރަށް އޮޅިވަޑައިގެންފި ނަމަ ދެން އޮތީ ދެވަނަ ވިސްނުމަކަށް ދިއުން." އަސަދުﷲ ސަރުކާރަށް އިންޒާރު ދެއްވި އެވެ.
ދީނީ ކަންކަމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ، އަސަދުﷲ ވިދާޅުވީ އަރަބިއްޔާ ސްކޫލާ މެދު މިއަދު ވެސް ސަރުކާރުން އިހުމާލުވެފައިވާ ކަމަށާއި އެ ސްކޫލަށް ވަންނަން ތިބި އެތައް ދަރިވަރުންނަކަށް މިއަދު ވެސް ސްކޫލަށް ނުވެދެވި އެބަތިބި ކަމަށެވެ. އަދި އެ ސްކޫލްގެ އިމާރާތް އެޅުމާ މެދު ސަރުކާރުގެ ވިސްނުން ބަދަލުވެފައިވާ ކަމަށާއި މިހާރު ވެސް އަރަބިއްޔާގެ ދަރިވަރުން ކިޔަވަމުންދާ ތަނުގައި ޖާގައިގެ ދަތިކަން އިންތިހާ އަށް ކުރިމަތިވެފައިވާ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.
ބަނގުރަލުގެ މައްސަލާގައި ސަރުކާރުގެ ވިސްނުން ބަދަލުވީ މުޒާހަރާ ކުރުމުން ކަމަށާއި އަދި ރާއްޖެ އައިސްގެން އުޅޭ "ޔަހޫދީ" ޑޮކްޓަރުންގެ މައްސަލައާ ގުޅިގެން ސަރުކާރުން އިޖާބަ ނުދޭ ކަމަށް ވެސް އަސަދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ޔަހޫދީ" ޑޮކްޓަރުން ރާއްޖެ އިން ބޭރުކުރުމަށް ގޮވާލައި މާލެ އާއި އަތޮޅުތަކުގައި ކުރާ މުޒާހަރާ ބަނގުރަލުގެ މުޒާހަރާއަށް ވުރެ ހޫނުވާނެ ކަމަށެވެ. އެއީ އެ މުޒާހަރާގައި ހަތް ސިޔާސީ ޕާޓީއަކާއި 125 މަދަނީ ޖަމިއްޔާއަކުން ބައިވެރިވާތީ ކަމަށާއި މާދަމާ މުޒާހަރާ ކުރަނީ ސުނާމީ ބިނާ ކައިރީގައި ކަމަށް ވިޔަސް، ސަރުކާރުން އިޖާބަ ނުދީފި ނަމަ މުޒާހަރާގެ މިސްރާބު ބަދަލުވެދާނެ ކަމަށް އަސަދުﷲ ވިދާޅުވި އެވެ.
"ޔަހޫދީ" ޑޮކްޓަރުންނާ ދެކޮޅަށް މަދަނީ ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތައް ތެދުވެފައިވާ އިރު، ރައީސް އޮފީހުގެ ޕްރެސް ސެކަޓަރީ އަހުމަދު ޒުހައިރު ވިދާޅުވެފައި ވަނީ "ކިތަންމެ ވަރަކަށް މުޒާހަރާ ކުރިއަސް އިޒުރޭލުގެ ޑޮކްޓަރުން ރާއްޖެ އިން ބޭރެއް ނުކުރާނެ" ކަމަށެވެ. ޒުހައިރު އެހެން ވިދާޅުވެފައިވާއިރު ހުދު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ވަނީ އިޒުރޭލުގެ "އައި ފްރޮމް ޒިޔޯން"ގެ ޖަމާއަތުގެ ޑޮކްޓަރުންނާ ބައްދަލުކުރައްވައި އެ މީހުންގެ މަސައްކަތްތަކަށް ހިތްވަރު ދެއްވާފައިފަ އެވެ.