ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް މެޖޯރިޓީ ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަށް އެބަ އޮތް ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ފޯމް ހުށަހެޅުމުގެ ކުރިން އިލެކްޝަންސް ކޮމިޝަން ކުރިމަތީ ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ނާއިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް އެންމެ ތަންކޮޅެއް ވެސް ފަހަތަށް ނުޖެހި އެ ޕާޓީން މަސައްކަތް ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ހޯދައިދިނުމަށް އަތޮޅުތަކުގައި ތިއްބެވި އެ ޕާޓީގެ ސަޕޯޓަރުން ކުރަމުން އަންނަ މަސައްކަތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކުރިއަށްވުރެ ބޮޑަށް ވަރުގަދަ އަޒުމަކާ އެކު އެ މަސައްކަތް ކޮށްދިނުމަށް އޭނާ ވަނީ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ރައްޔިތުންނަށް ކުރިމަގު ހޯދައިދިނުމަށް ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ސަރުކާރު ކޯލިޝަންގެ ފަރާތުން މަޖިލީހަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން އިންތިޚާބު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުން ބޭނުންވާ ކުރިމަގު ހޯދައިދިނުމަށް ކޮށްދެވެން އޮތް އެންމެ މުހިންމު ކަމަކީ. ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތު ކޯލިޝަނަށް ހޯއްދަވައިދެއްވުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި ނާކާމިޔާބުވި ބޭފުޅުން މާޔޫސްނުވެ ޕާޓީއާ އެކު ދެމި ތިއްބެވުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ ނާކާމިޔާބުވި ފަރާތްތަކަށް ވެސް ޕާޓީގެ ތެރެއިން ރަނގަޅު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ 50 ބޭފުޅުން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވާފަ އެވެ.