10 Feb 2014, 15:50
ގއ. ދާންދޫ ސްކޫލުގެ ގްރޭޑް 10ގެ ދަރިވަރުންނަށް އިސްލާމް އަދި ދިވެހި ކިޔަވައިދޭނެ ޓީޗަރެއް ނެތި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ބެލެނިވެރިން ނުކުމެ މުވައްޒަފުންނާއެކު އެ ސްކޫލު ބަންދުކޮށް ތަޅު އަޅުވައިފި އެވެ.
ގއ. ދާންދޫ ކައުންސިލްގެ ރައީސް އިމްރާން ވަހީދު ސަން އަށް ވިދާޅުވީ އެ ރަށު ސްކޫލުގެ ބެލެނިވެރިން ނުކުމެ ސްކޫލުގައި ތަޅު އަޅުވާފައި ވަނީ އިސްލާމް ޓީޗަރެއް ނެތި ގިނަ ދުވަސްތަކެއްވެ އެކަމަށް ހައްލެއް ނައުމުން ކަމަށެވެ. އަދި ތަޅު އަޅު އެޅުވީ ސްކޫލު ނިމުނު ގަޑީގައި ހުރިހާ ކުދިން ދަރިވަރުން ގެއަށް ފޮނުވާލުމަށްފަހު ކަމަށާއި ތަޅު އެޅުވިއިރު ސްކޫލް ތެރޭގައި ތިބީ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މުވައްޒަފުން ކައިރީގައި ބުނި ނުކުންނާށޭ މިއުޅެނީ ސްކޫލު ތަޅުއަޅުވާށޭ. އެކަމަކު ހެނދުނު ސެޝަން ނިމިގެން މުދައްރިސުން ނިންމަންޖެހޭ ކަންތައްތައް ހުރުމުން ނުނިކުމެ ތިބީ. ދެން އެމީހުންނާއި އެކު މިހާރު ތަޅު އަޅުވާފަ ހުރީ. ފުލުހުން އެބަ ހަރަކާތްތެރިވޭ،" އިމްރާން ވިދާޅުވި އެވެ.
ސްކޫލުގެ މައި ގޭޓުގައި ތަޅުއެޅުވުމުން ސްކޫލް ތެރޭގައި ބަންދުވެފައި ހުރި މުވައްޒަފަކު "ސަން"އަށް ބުނީ ސުކޫލްގައި ތަޅު އެޅުވީ މިއަދު މެންދުރު ކަމަށެވެ. އަދި އިސްލާމާއި ދިވެހި ކިޔަވައި ނުދޭތީ ބެލެނެވެރިން ކަންބޮޑުވުން ފާޅު ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި އެ މައްސަލައަށް އަވަސް މުސްތަގުބަލެއްގައި ހައްލެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"މިއަދު ސްކޫލު ނިމުނު ގަޑީގައި އައިސް ބަންދު ކުރީ. ބައެއް ޓީޗަރުން ބުނި ބެލެނިވެރިން ބުންޏޭ ނުކުންނާށޭ. އެކަމަކު ރަސްމީ ގަޑިވީމަ އަޅުނގަޑުމެން ނުނިކުތީ. ތަޅު އެޅުވި އިރު ގިނަ މުވައްޒަފުންނާއި އެކްސްޓްރާ ކްލާހަށް އައިސް ތިބިދަރިވަރުން ވެސް ތިބި. ނަމަވެސް މިހާރު އެ ކުދިންނާއި ބައެއް މުވައްޒަފުން ފުލުހުންގެ އެހީތެރިކަމުގައި ވަނީ ނެރެފައި،" ސަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
ދާންދު ސްކޫލް މަސައްކަތް ކުރާ މީހާ ބުނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު އިސްލާމް އަށާއި ދިވެއްސަށް ޓީޗަރެއް ހުރި ނަމަވެސް ސްކޫލު ފެށިގެން މަހެއް ނުވަނީސް 10 ދުވަހުގެ އެމެޖެންސީއެއް ނަގައިގެން ދިޔަގޮތަށް އެ ޓީޗަރު ސްކޫލަށް އައިސްފައިނުވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދާންދޫ ސްކޫލުގެ މުވައްޒަފުންނާއެކު އެ ސްކޫލު ބަންދުކޮށްގެން އުޅޭ މައްސަލައެއް މިއަދު މެންދުރު 2:05 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.