10 Feb 2014, 13:30
ދިވެހި ފުލުހުންނާއި ސެކިއުރިޓީ ބަލަހައްޓާ އެހެނިހެން ފަރާތްތަކަށް ހާއްސަކޮށްގެން ފުލުހުން ހިންގި ޓްރެއިނިންގް ޕްރޮގްރާމްތަކުގައި ބައިވެރިވެ، ކޯސްތައް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
އިންސްޓިޓިއުޓް ފޮ ސެކިއުރިޓީ އެންޑް ލޯއެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އިން ހިންގި ކޯސްތަކުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ބަހްރެއިންގެ ރޯޔަލް ޕޮލިސް އެކަޑަމީގެ ކޮމަޑާންޓް ކާނަލް ހަމަދުބިން މުހައްމަދު އަލް ހަލީފާ އާއި ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދާއި ހޯމް މިނިސްޓަރު އުމަރު ނަސީރާއި އަދި ވެސް ބައެއް ބޭފުޅުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަމަދުބިން މުހައްމަދު އަލް ހަލީފާ ވިދާޅުވީ ތަނެއްގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުން ފަދަ ޒިންމާދާރު ބަޔަޔަކަށް އެފަދަ ކޯސްތަކަކީ ވަރަށް މުހިންމު ކޯސްތަކެއް ކަމަށެވެ.
ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވިދާޅުވީ އެފަދަ ކޯސްތަކެއްގެ ތަމްރީނު ލިބުމުގެ ސަބަބުން ދިވެހި ފުލުހުންނަށް އެބޭފުޅުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކާއި ފުލުހުންގެ ޒިންމާ އަދާކުރުމުގައި އެބޭފުޅުން އިތުރަށް ޒިންމާދާރުވާނެ ކަމަށެވެ.
ކޮމިޝަނަރު އިތުރަށް ވިދާޅުވީ 2016 ވަނަ އަހަރު ވެސް އެފަދަ ކޯސްތަކެއް ހިންގަވަން ވިސްނަވާ ކަމަށެވެ.
އެ ކޯސްތައް ހިންގުމަށް ޓަކައި ރާއްޖެ އިން ބޭރުގެ އެކިއެކި ފަރާތްތަކާއި ޔުނިވާސިޓީ އޮފް ވެސްޓަން ސިޑްނީގެ އިތުރުން ސްކޮޓިޝް ޕޮލިސް ވަނީ އައިލްސް އާ އެކު ބައިވެރިވެފަ އެވެ.