ކ. ގުޅީ ޒުވާނުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައިފި އެވެ.

އިއްޔެ މެންދުރުފަހު ޒުވާނުންގެ މަރުކަޒު ހުޅުއްވައިދެއްވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަލާލު އެވެ. އެ ރަސްމިއްޔާތުގައި މަލީހު ދެއްކެވި ވާހަކަފުޅުގައި މިފަދަ މަރުކަޒު ތަކަކީ ދިވެހި ޒުވާނުންގެ ހުސްވަގުތުތައް ބޭނުންތެރި ގޮތެއްގައި ހޭދަކުރުމަށް އެޅިގެންދާ ބާރެއް ކަމުގައި ވިދާޅުވި އެވެ.

"މިފަދަ މަރުކަޒުތަކުގެ ބޭނުންހިފާ ޒުވާނުންނަކީ، ހެނދުނު ގަޑީގައި ކޮންމެވެސް ވަޒީފާއެއް އަދާކުރާ، މަސް ނިމޭއިރު ޖީބަށް މުސާރަ އެއް ވަންނަ ބަޔަކަށް ވާންޖެހޭ،" މަލީހު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވަޒީފާނެތް ޒުވާނުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްސަ މަސައްކަތްތަކުގެ މަންފާ އެރަށުގެ ޒުވާނުންނަށް ވެސް ކުރާނެ ކަމަށެވެ. އެގޮތުން، އެ ސަރަހައްދުގެ ރިސޯޓުތަކާއި ރަށްރަށުން ލިބެންހުރި ވަޒީފާގެ ފުރުސަތުތައް ގުޅީގެ ޒުވާނުންނަށް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ޓޭބަލް ޓެނިސް، ރާޒުވާ، ގާލެންޑޯ، ކެރަމް، ޑާޓް ފަދަ ކުޅިވަރުތައް ހިމެނޭ އަދި ކޭބަލް ޓީވީ އާއެކު ޕްރޮޖެކްޓަރު ހަރުކުރެވިފައިވާ އެ މަރުކަޒުގައި އިތުރު ކުޅިވަރުތައް ކުޅެވޭ ގޮތަށް އިތުރަށް ތަރައްގީ ކުރައްވާނެ ކަމުގައި ވެސް މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާ ތަމްސީލްކުރައްވާ މެމްބަރު، އިބްރާހީމް ރިޒާގެ އިތުރުން ޔޫތު މިނިސްޓްރީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.