10 Feb 2014, 13:09
މަގުމަތީގެ ސަލާމަތާ ގުޅޭ އެއް އަހަރު ދުވަހުގެ ބޮޑު ކެމްޕެއިނެއް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ތައްޔާރުވާން ފަށައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓާރު އަމީން އިބްރާޙިމް ވިދާޅުވީ އެ ކެމްޕެއިނަކީ މަގުމަތީގެ ސަލާމަތާއި މީހުން އެވެއާ ކުރުމާއި މިހާރުން މިހާރަށް ހުރި މައްސަލަތައް ދަނެގަނެ އެކަމަށް ހައްލު ހޯދުމަށް އަންނަ ބުދަ ދުވަހު ލޯންޗް ކުރާ ކެމްޕެއިނެއް ކަމަށެވެ.
މަގުމަތި މިހާރަށްވުރެ ރައްކާތެރި އަމާން މާހައުލަކަށް ހެދުމަށް ސަރުކާރުން އާ ވިސްނުންތަކެއް ގެންގުޅޭ ކަމަށާއި ސަރުކާރުގެ ވިސްނުން ބުދަ ދުވަހު ހާމަ ކުރައްވާނެ ކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މިހާރަށްވުރެ އަމާންތަނަކަށް މަގުމަތި ހެދުމަކީ ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށާއި މިފަހަކަށް އައިސް ވަރަށް ނުރައްކާތެރި ހާދިސާތައް މަގުމަތީގައި ހިނގާފައިވާ ކަމަށެވެ.
"2012 ވަނަ އަހަރު ފަސް މީހުން މަރުވި މަގުމަތީގެ އެކްސިޑެންޓުތަކުގައި. މިދިޔަ އަހަރު އެބަ އޮތް 12 މީހުން މަރުވެފަ. މިދިޔަ އަހަރު 25،000 މީހުންނަށް އެބަހުރި ފިޔަވަޅު އަޅާފައި މަގުމަތީގެ އެކި ޒާތްޒާތުގެ ކުށްތަކުގައި،" އަމީން ވިދާޅުވި އެވެ.
މަގުމަތީގެ އަމާން ކަމަކީ މަގުމަތި ބޭނުން ކުރާ މީހުން އެވެއާނަސްއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމުން ބުދަ ދުވަހު ލޯންޗު ކުރާ ކެމްޕެއިނުގައި މީހުން އެވެއާ ކުރުމަށް ބޮޑު މަސައްކަތެއް ކުރާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
"މީގެ ވަރަށް ބޮޑުވައި ގުޅި ލާމެހިގެންދޭ މީހުންގެ ހޭލުންތެރިކަމާ،" މިނިސްޓަރު ވިދާޅުވި އެވެ.