10 Feb 2014, 13:02
އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ޑރ އިބްރާހިމް ދީދީ (ޑރ ޑީޑީ) އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފި އެވެ.
އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޑީޑީ އަމިއްލަ ގޮތުން ވާދަ ކުރައްވަނީ ހުޅުދޫ ދާއިރާއަށެވެ. އެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވަނީ މިހާރު ވެސް އެ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އަދި ޕީޕީއެމްގެ ފަރާތުން އެ ދާއިރާ އަށް ވާދަކުރައްވަނީ މުހައްމަދު ޝާހިދު އެވެ.
އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމް ހުށަހެޅުއްވުމަށް ފަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ޑީޑީ ވިދާޅުވީ އޭނާ އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވީ 122 މީހުންގެ ސޮއިޔާއެކުގައި ކަމަށެވެ.
ޑރ ޑީޑީ ވިދާޅުވީ ހުޅުދޫ ދާއިރާއަށް އަމިއްލަ ގޮތުން އޭނާ ވާދަކުރެއްވަނީ އެ ދާއިރާ އަށް އިތުރު ތަރައްގީ އާއި ކުރިއެރުން ހޯދައި ދޭން ބޭނުންވާތީ ކަމަށެވެ. އަދި މިހާރު އެ ދާއިރާ ތަމްސީލް ކުރައްވާ މެންބަރަށް ދާއިރާ އަށްޓަކައި އެއް ވެސް ކަމެއް ކޮށްދެވިފައި ނުވުމަކީ އޭނާ އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ނިންމެވި ސަބަބެއް ކަމަސް ވެސް ޑީޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުޅުދާ ދާއިރާއަށް އޭނާ މީގެ ކުރިން ވެސް އަމިއްލަ ގޮތުން ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައި ވާނެ ކަމަށައި އެހެން ކަމުން ދާއިރާގެ ގޮނޑި އޭނާ އަށް ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ޑީޑީ އިތުރަށް ވިދާޅުވީ އޭނާ އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވި ކަމުގައިވީނަމަވެސް އޭނަ ހުންނަވާނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އަދި އޭނާ އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން އެދިވަޑައިގެންނެވި ކަމަށް ވެސް ޑީޑީ ވިދާޅުވި އެވެ.