10 Feb 2014, 12:55
އިންޑިއާއިން ތެޔޮ ގެނައުން ލަސްވެގެން އުޅެނީ ދެ ސަރުކާރު ދެމެދުގައީ ކުރަންޖެހޭ މަސައްކަތްކައް ނުނިމި ހުރުމުގެ ސަބަބުން ކަމަށް އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު އާދަމް އާޒިމް ވިދާލުވެއްޖެ އެވެ.
އެސްޓީއޯ "ޗޮކްލެޓް ވީކް" ފެށުމުގެ ރަސްމިއްޔާތުގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ އިންޑިއާ އޮތީ ތެޔޮ ވިއްކަން އެސްބަސްވެފައި ކަމަށާއި މިހާރު ލަސްވެފައި ވަނީ ދެ ސަރުކާރު ދެމެދުގައީ ކުރަންޖެހޭ މަސައްކަތްތައް ނުނިމިހުރުމުގެ ސަބަބުން ކަމަށެވެ.
"އަދިވެސް އެބަހުރި ބައެއް ޑޮކިއުމެންޓޭޝަން އާއި ސަރުކާރުގެ ލެވެލްތަކުގައި ކުރައްވަންޖެހޭ މަސައްކަތްތައް، އެ މަސައްކަތްތައް ނުނިމޭތީ ލަސްވަނީ،" އާޒިމް ވިދާޅުވި އެވެ.
އިންޑިއާއިން ތެޔޮ ގެނެވޭނެ ވަކި މުއްދަތެއް ދަންނަވަން އެނގޭތޯ ސުވާލުކުރުމުން އާޒިމް ވިދާޅުވީ ތެޔޮ ގެނެވޭނެ ތާރީހެއް ނޭނގޭ ކަމަށެވެ. "ސަރުކާރު ލެވަލްގައި ކުރާ ކަންތައްތަކަކީ އަޅުގަނޑުގެ ބާރު ހުރި ކަންތައްތަކެއް ނޫން، އެހެންވެ ތާރީހެއް ދައްނަން ދަތި" އޭނާ ވިދާޅުވި އެވެ.
އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމަކުން ތެޔޮ ލިބުމުގައި އެއްވެސް ދަތި ކަމެއް ނޫޅޭ ކަމަށާއި އެސްޓީއޯ އާއި ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއި ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށެވެ. އަދި އިންޑިއާއިން ތެޔޮ ގެނައުމަށްޓަކައި ދިވެހި ސަރުކާރުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވާ ކަމަށް ވިދާޅުވި އެވެ.
އާޒިމް ކުރިން ވިދާޅުވެފައި ވަނީ އިންޑިއާގެ ކުންފުނިން ރާއްޖެއަށް ތެޔޮ ފޯރުކޮށްދިނުމަށް އެއްބަސްވީ ވަރަށް ކުޑަ ފްރައިޓެއްގައި ކަމަށާއި އެތަނުން ތެޔޮގަތް ކަމުގައި ވިޔަސް މިހާރަށް ވުރެ ތެޔޮގެ އަގު ބޮޑުވެގެން ނުދާނެ ކަމަށެވެ.