10 Feb 2014, 12:23
ކުނި މެނޭޖްކުރުމާ ބެހޭ ގޮތުން އަލަށް އެކުލަވާލި ގަވާއިދަށް އަމަލު ކުރުމުގެ ގޮތުން މާލޭގެ މަގުތަކުގައި ކުނި އެޅުމަށް ހާއްސަކޮށްގެން ޑަސްބިން ބަހައްޓަން ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ މާލޭގެ 17 ސަރަހައްދެއްގައި ޑަސްބިން ބެހެއްޓުމަށް އެ ކައުންސިލުން ފަށާފައިވާ މަޝްރޫއުގެ ދަށުން މި ބުރުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 100 ޑަސްބިން މިއަދު ބަހައްޓައި ނިމޭނެ ކަމަށެވެ.
ޑަސްބިންތައް ބެހެއްޓުމަށް ހަމަޖައްސާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ޕާކްތައް ހިމެނޭ ސަރަހައްދުތަކާއި ސަރުކާރުގެ ބައެއް އޮފީސްތައް ހިމެނޭ ސަރަހައްދުތަކާއި މާލޭގެ ޓާމިނަލްތައް ހިމެނޭ ސަރަހައްދުތަކުގެ އިތުރުން ފްލެޓް ސަރަހައްދާއި މީހުން ބައިބޯވެ އުޅޭ ސަރަހައްދުތައް ހިމެނެ އެވެ.
ސިޓީ ކައުންސިލުން ބަހައްޓާ މި ޑަސްބިންތައް ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
އެ ގަވާއިދުގެ ދަށުން ކުނިގޮނޑާއި ޑަސްބިން ނޫން ތަނަކަށް ކުނި އަޅައިފި ނަމަ އެ މީހަކު 100 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެ އެވެ. އަދި އިޖްތިމާއި ސަރަހައްދުތަކުގައި ޑަސްބިން ނުބަހައްޓައިފި ނަމަ އެސަރަހައްދެއް ބަލަހައްޓާ ފަރާތެއް 10،000 ރުފިޔާ އާއި 100،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ވެސް ހިމެނެ އެވެ.