ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ މަދުވެގެން 300 މީހުން، އަދި ރިސޯޓުތަކުގައި މަދުވެގެން 100 މީހުން ރަޖިސްޓްރީކުރުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.


ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ، އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އިންތިހާބުގައި، ޖުމްލަ 427 ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. އަދި އެ ވޯޓު ފޮށިތަކުގެ ތެރެއިން ތިން ފޮށި ބެހެއްޓުމަށް ހަމަޖައްސާފައި ވަނީ އިންޑިއާގެ ޓްރިވެންޑްރަމާއި ލަންކާގެ ވެރިރަށް ކޮލޮމްބޯގެ އިތުރުން މެލޭޝިޔާގެ ވެރިރަށް ކުއާލާ ލަމްޕޫރުގައި ކަމަށާއި 26 ފޮށި ބަހައްޓަން ކަނޑައާޅާފައި ވަނީ ސިނާއީ ރަށްރަށާއި ރިސޯޓުތަކުގައި ކަމަށް ފުއާދު ވިދާޅުވި އެވެ.


އެހެން ނަމަވެސް، ބޭރު ގައުމެއްގައި ވޯޓު ލެވޭނީ މަދުވެގެން 300 މީހުން ކޮންމެ ގައުމަކުން ވެސް ރަޖިސްޓްރީކުރުމުން ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި ސިނާއީ މަސައްކަތްކުރާ ރަށްރަށާއި ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނީ އެތަންތަނުގައި ވޯޓުލުމަށް މަދުވެގެން 100 މީހުން ރަޖިސްޓްރީކުރުމުން ކަމަށެވެ.


މާލެ އާއި އެހެން ރަށްރަށުގައި ބަހައްޓާ ވޯޓު ފޮއްޓަކަށް ރަޖިސްޓްރީވާ ކޮންމެ މީހަކަށް ވޯޓުލުމުގެ ފުރުސަތު ހުޅުވައިލައިފައިވާ ކަން ފުއާދު ފާހަގަ ކުރެއްވި އެވެ.


އަދި ދާއިމީ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް މިއަދު ހުޅުވައިލައިފައިވާ ރަޖިސްޓްރީ ވުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު ހަމަވާއިރު، ބޭނުންވާ އަދަދަށް މީހުން ރަޖިސްޓްރީކޮށްފައި ނުވާ ނަމަ، ރާއްޖެ އިން ބޭރުގަ އާއި އަދި ރިސޯޓުތަކުގައި ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުންގެ ރަޖިސްޓްރީ އޮޓަމެޓިކުން ބަދަލުވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.


މަދު ބަޔަކު ރަޖިސްޓްރީ ނުވުމުގެ ސަބަބުން، ބޭރު ގައުމުތަކާއި ރިސޯޓުތަކުގައި ވޯޓުލުމަށް ރަޖިސްޓްރީވާ ފަރާތްތަކުގެ ހައްގަށް އުނިކަމެއް އަތުވެދާނެތޯ ނޫސްވެރިޔަކު ދެންނެވުމުން ފުއާދު ވިދާޅުވީ، އެ ވޯޓު ފޮށިތަކަށް މަދުވެގެން ރަޖިސްޓްރީވާން ޖެހޭ އަދަދުތައް ކަނޑައަޅާފައި ވަނީ ކޮމިޝަނުން ވަރަށް ބޮޑަށް ބަލައި، ދިރާސާކުރުމަށް ފަހު ކަމަށެވެ.


"މަދު ބަޔަކަށް އެކަން (ބޭރު ގައުމު ނުވަތަ ރިސޯޓުތަކުގައި ވޯޓުލެވޭނެ ގޮތް) ފަހިކޮށްދޭން އުޅެފިއްޔާ ދައުލަތުގެ ފައިސާއިން މާ ބޮޑު އަދަދެއް ޚަރަދުވެގެން އެބަދޭ. އެ ފައިސާ އަކީ ވެސް ރައްޔިތުންގެ ހައްގެއް،" ފުއާދު ވިދާޅުވި އެވެ.


ފުއާދު މިއަދު އިތުރަށް ވިދާޅުވީ، ވޯޓުލެވޭ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށެހެޅުމުގެ މުއްދަތު ހަމަވެ، އެ ރަޖިސްޓްރީ އިސްލާހުކުރުމާ ގުޅިގެން އިންތިހާބުގައި ވޯޓުލެވޭ މީހުންގެ އަދަދު 224533 ( ދެ ލައްކަ ސައުވީސްހާސް ފައްސަތޭކަ ތިރީސް ތިނެއް) އަށް އަރާފައިވާ ކަމަށެވެ. މިއީ ކުރިން ގެޒެޓްކުރި ވޯޓާސް ރަޖިސްޓްރީގައި ހިމެނޭ މީހުންނަށް ވުރެ 59 މީހުން އިތުރު އަދަދެކެވެ.


ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށް އުފައްދާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ތަރުތީބުކުރުމަށް ގުރުއަތުލުން އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. މުއްދަތު ހަމަވިއިރު، ކައުންސިލް އިންތިހާބުގައި ހިމެނޭ 1096 ގޮނޑިއަށް ވާދަކުރުމަށް ޕާޓީ ޓިކެޓުގަ އާއި އަމިއްލަ ގޮތުން 2830 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަނުން ބުނެފައިވެ އެވެ.


މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 947 މެމްބަރުން އަދި އަތޮޅު ކައުންސިލްތަކަށް ޖުމްލަ 130 މެމްބަރުން އިންތިހާބުކުރާނެ އެވެ. އަދި މާލޭ ސިޓީ ކައުންސިލަށް 11 މެމްބަރުންނާއި އައްޑޫ ސިޓީ ކައުންސިލަށް ހަ މެމްބަރުން ހޮވާނެ އެވެ.