10 Feb 2014, 12:02
އެމްޑީއޭއާ ގުޅިވަޑައިގަތީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށް ކަމަށް އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ސުޖާއު ހުސައިން ވިދާޅުވެއްޖެ އެވެ.
ރޭ ސުޖާއު ވަނީ އެމްޑީއޭއާ ގުޅިވަޑައިގެންފަ އެވެ. އޭނާ ކުރިން ހުންނެވީ އެމްޑީޕީގަ އެވެ.
އަދި އޭނާ ވަނީ ދާދިފަހުން އެމްޑީޕީ އިން ބޭއްވި މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވައި ނާކާމިޔާބު ވެވެޑައިގެންފަ އެވެ.
ސުޖާއު މިއަދު ސަން އަށް ވިދާޅުވީ ދާދިފަހަކަށް އައިސް ރައީސް ނަޝީދު އެންމެ ބޮޑަށް ދައްކަވާ ވާހަކައަކީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް ކަމަށާއި ނަމަވެސް އޭނާ ގަބޫލް ކުރައްވާ ގޮތުގައި އެފިކުރު "ފަކުރަކަށް" ހެއްދެވީ ރައީސް ނަޝީދު ކަމަށެވެ.
"ރައީސް ނަޝީދުގެ ދައުރުގައި އެއްވެސް ވަރަކަށް ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރާކަށް މަސައްކަތެއް ނުކުރައްވާ، އަޅުގަނޑު އެމްޑީއޭއާ މިގުޅުނީ ލާމަރުކަޒީ ނިޒާމް ކުރިއެރުވެން އޮތީ އެމްޑީއޭއާ ގުޅިގެންކަމަށް ވާތީ،" ސުޖާއު ވިދާޅުވި އެވެ.
އެމްޑީޕީ އިން ވަކިވެވަޑައިގަތީ ކީއްވެތޯ ދެންނެވުމުން ސުޖާއު ވިދާޅުވީ އޭނާ "ގަބޫލް ކުރަނީ ތިލަފަތް އެއްކޮޅަކަށް ބަރުވެއްޖެ ކަމަށް" ކަމަށާއި އޭނާ އެ ޕާޓިގައި ހުރީ އެ ޕާޓީގެ ތިލަފަތް ހަމަހަމަކޮށް އޮތް އިރު ކަމަށެވެ.
ސުޖާއު އެމްޑީޕީ އިން ވަކިވެ އެމްޑީއޭއާ ގުޅިވަޑައިގެންފައިވާ އިރު އޭނާ ވަނީ މީގެ ކުރިން އެލްޖީއޭގެ ނައިބްގެ މަގާމުގައި ހުންނަވައިގެން އޭރުގެ ރައީސް ވަހީދު ސަރުކާރަށް ލާމަރުކަޒީ ނިޒާމް "ފުނޑުފުނޑު" ކުރާ ކަމަށް ވިދާޅުވެ ފާޑުކިޔައި އެމްޑީޕީއާ ގުޅިވަޑައިގަންފަ އެވެ.