ހދ. ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓުއަރިޒަމް މިނިސްޓްރީން ގުޅިގެން މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅައިގެން ރަނގަޅު ނަތީޖާތަކެއް ފެންނާނެ ކަމަށާއި އެއީ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެއް ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މި ހުޅުވާލަނީ ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށްޓަކައި ޝައުގުވެރިވާ ފަރާތްތަކުން އެބޭފުޅުންގެ ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމުގެ ޕްރޮޖެކްޓު ވެސް ކުރިއަށް ގެންދާނީ މިފަދަ އެހެން ޕްރޮޖެކްޓުތަކެކޭ އެއްގޮތަށް އެއާޕޯޓް ތަރައްގީ ކުރާ ފަރާތަކަށް ރިސޯޓެއް ތަރައްގީ ކުރަން ރަށެއް ދޭ ގޮތަށް ކަމަށެވެ.

"އެހެން އެއާޕޯޓްތައް ވެސް ތަރައްގީ ކުރާ މޮޑެލްގައި މި އެއާޕޯޓް ވެސް މި ތަރައްގީ ކުރަނީ. އިންވެސްޓްމެންޓް ކަވަރު ކުރުމަށްޓަކައި ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ދޭ ގޮތަށް ހަމަޖައްސާފައި މި އޮތީ،" އަމީން ވިދާޅުވި އެވެ.

އެހެން ޕްރޮޖެކްޓުތައް ވެސް ކުރިއަށް ގެންދާ ގޮތަށް އެއާޕޯޓް ތަރައްގީ ކުރާ ފަރާތަށް އެއާޕޯޓް ލިބޭނީ 25 އަހަރަށް ކަމަށާއި ސަބްސިޑައިޒް ކުރުމަށްޓަކައި ދޭ ރިސޯޓް ދޭނީ 50 އަހަރަށް ކަމަށް އަމީން ވިދާޅުވި އެވެ.

ރިސޯޓް ތަރައްގީ ކުރުމަށް ރަށެއް ދިނުމަށް ހަމަޖެހިފައި ވަނީ ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާ ރަށްތަކުގެ ތެރެއިން ބީލަން ކާމިޔާބު ކުރާ ފަރާތާއި ސަރުކާރާ ވާހަކަ ދައްކައިގެން އެއްބަސްވާ ރަށެއް ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އެއާޕޯޓު އެކަނި ހިންގައިގެން ފައިދާ ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާ ނަމަވެސް އެ ސަރަހައްދުގައި ރިސޯޓްތައް ތަރައްގީވެގެން އަންނަ ވަރަކަށް ހަމައެކަނި އެއާޕޯޓުން ވެސް ފައިދާވާނެ ކަމަށެވެ.

"ހުސްއެކަނި ކުޅުދުއްފުށީ މީހުން އުފުލައިގެން ފަހަރެއްގައި ދެކޮޅު ނުޖެހި ހިނގައިދާނެ. އެކަމަކު ކައިރި ހުރި ރިސޯޓްތައް ތަރައްގީ ކުރެވިގެން އަންނަ އިރެއްގައި މިއީ ފައިދާހުރި އިންވެސްޓްމެންޓަކަށް ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެއާޕޯޓު އެޅުމަށްޓަކައި ކޮންމެވެސް ވަރަކަށް ރަށް ހިއްކަން ޖެހޭ ކަމަށާއި ކުޅުދުއްފުށީ ކުޅީގެ ބައެއް ވެސް ހިއްކަންޖެހޭ ކަމަށް އަމީން ވިދާޅުވި އެވެ.

އެއާޕޯޓް އެޅުމަށްޓަކައި ކުޅުދުއްފުށީ ކުޅި ހިއްކުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭތީ މީގެ ކުރިން އިކޯކެއާ މޯލްޑިވްސް އިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ކުޅި ހިއްކި ނަމަވެސް އެކަން ކުރިއަށް ގެންދާނީ ތިމާވެށީގެ ތަޖުރިބާކާރުންގެ ލަފަޔާއެކު އެބޭފުޅުންގެ ވެސް އެހީތެރިކަމާއެކު ކަމަށެވެ.

"(އެއާޕޯޓް އެޅުމަށް) ކޮންމެސް ވަރަކަށް ހިއްކަން ވެސް ޖެހޭ. އަދި އެތަނުގައި އޮތް ކުޅި ވެސް ހިއްކަންޖެހޭ. މުޅި ކުޅިތޯ އެއްބައިތޯ އަދި އަޅުގަނޑުމެން ފަހުން ކަނޑައަޅާނަން،" އަމީން ވިދާޅުވި އެވެ. "އެންވަރަމަންޓް ސްޕެޝަލިސްޓުންގެ އެޑްވައިސްއާ އެކީގައި އަޅުގަނޑުމެން މިކަހަލަ ކަމެއް ކުރާނީ. އެބޭފުޅުންނާ ދެކޮޅަށް ކޮންމެހެން އަޅުގަނޑުމެން މިކަހަލަ ކަމެއް ނުކުރާނަން. އެބޭފުޅުންނާ ވެސް މަޝްވަރާ ކޮށްގެން."

އާންމު ގޮތެއްގައި އެއާޕޯޓެއް އެޅުމަށް ދޮޅު އަހަރާ ދެ އަހަރާ ދެމެދުގެ މުއްދަތަކެއް ނަގާ ކަމަށާއި ކުޅުދުއްފުށީ އެއާޕޯޓް ވެސް ދެ އަހަރު ތެރޭގައި ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އަމީން ވިދާޅުވި އެވެ.