10 Feb 2014, 11:06
އަރަބި ބަސް ވަކި މާއްދާއެއްގެގޮތުގައި 12 ސްކޫލެއްގައި ކިޔަވަދޭން މިއަދު ފަށައިފި އެވެ.
އަރަބި ބަސް ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވަދޭން މިއަދު ފެށީ މާލެގެ ފަސް ސްކޫލެއްގެ އިތުރުން އަތޮޅު ތެރޭގެ ހަތް ސްކޫލެގަ އެވެ. މާލެގައި އަރަބި ބަސް ކިޔަވަދޭން ފަށަފައި ވަނީ ތާޖުއްދީން ސްކޫލްގައި އާއި މުހުޔުއްދީން ސްކޫލުގައި އާއި އަމީނިއްޔާ ސްކޫލުގެ އިތުރުން ދަރުމަވަންތަ ސުކޫލް އާއި ހިރިޔާ ސްކޫލްގަ އެވެ. އޭގެ އިތުރުން އައްޑޫ ސިޓީގައި ހުންނަ މަރަދޫ ސްކޫލް، ފޭދޫ ސްކޫލް، ހުޅުދޫ ސްކޫލް އަދި ޝަމްސިއްދޫން މިއަދު ކިޔަވަދޭން ފަށާނެ އެވެ. އަދި ބ. ތުޅާދޫ ސްކޫލްގަ އާއި ޅ. ނައިފަރު ސްކޫލްގަ ވެސް އަރަބި މައްދާ މިއަދު ކިޔަވަދޭން ފަށާނެ ކަމަށް އެޑިކޭޝަން މިނިސްޓްރީ ވަނީ ބުނެފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ އަރަބި ބަސް ވަކި މާއްދާއެއްގެ ގޮތުގައި ސްކޫލުތަކުގައި ކިޔަވަދޭން ފެށުމަކީ މި ސަރުކާރުގެ 100 ދުވަސްތެރޭގައި ކުރުމަށް ހަމަ ޖެހިފައިވާ ކަމެއް ކަމަށާއި ކުރި މަގުގައި އިތުރު ސްކޫލުތަކުގައި އަރަބި ބަސް ކިޔަވަދޭން ފަށާނެ ކަމަށެވެ.
"އަޅުގަނޑުމެން މި އުއްމީދު ކުރަނީ މިގޮތަށް ފައްޓާފައި އެ ސްކޫލުތަށް ވެސް ބައިވެރިކޮށް ގެންދެވޭނެ ކަމަށް. އަޅުގަނޑުމެން މިހާރު މި ފައްޓަނީ އެ ސްކޫލަކުން އަރަބި ކިޔަވަދޭން ބޭފުޅެއް ފާހަގަ ކުރެވޭ ސްކޫލްތަކުން. އަދި ކޮންމެ ވެސް ވަރަށް ރިސޯސް ޓީޗަރުން ތިބި ސްކޫލްތަކުގައި. އެ ކަމުން އަޅުގަނޑުމެން މި އުއްމީދު ކުރަނީ މިއަދު އިތުރުވެގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަރަބި ބަސް މާއްދާއެއްގެ ގޮތުގައި ކިޔަވަދޭން ފެށުމަށް ސްކޫލްތަކުންނާއި ބެލެނިވެރިންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.
އަރަބި ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވަދޭން ފެށުމުގެ ގޮތުގައި މިއަދު މެންދުރުފަހު ހިރިޔާ ސްކޫލުގައި ވަކި ރަސްމިޔާތެއް ބޭއްވުމަށް ހަމަ ޖައްސާފަ އެވެ.