ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ފަލަސްތީނު މީހުންގެ 663 ގެ މިދިޔަ އަހަރު އިސްރާއީލު ސިފައިން ތަޅައި ބިމާ ހަމަކޮށްލި ކަމަށް ބައިނަލް އަގުވާމީ އެހީދޭ ޖަމާއަތްތަކުން ބުނެފި އެވެ.

އެމެރިކާ މެދުވެރިވެގެން ފަލަސްތީނާ އިސްރާއީލާ ދެމެދު ސުލްހައިގެ ވާހަކަތައް ފެށުމާ އެކު ގެތައް ތެޅުން އިތުރުވެފައިވާތީ ޖަމާއަތްތަކުން ވަނީ މިދިޔަ ހުކުރު ދުވަހު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ރޮއިޓާސް ބުންޏެވެ.
އިންސާނީ އެހީ ފޯރުކޮށްދޭ ބައިނަލް އަގުވާމީ 25 ޖަމާއަތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ގެތައް ނައްތާލުމުގެ އަމަލު ފާއިތުވި ފަސް އަހަރު ދުވަހު ވެސް ނުހިންގާހާ ގިނައިން މިހާރު ހިންގަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެކަނި 663 ގެ ތަޅާލާފައިވާ ކަމަށާއި އޭގެ ތެރޭގައި އެހީދޭ ޖަމާއަތްތަކުން ބިނާކޮށްދިން 122 ގެ ހިމެނޭ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

އިސްރާއީލުން ގެތައް ތަޅައިލުމުގެ ސަބަބުން މަގުމަތިވެފައިވާ ފަލަސްތީނު މީހުންނަށް ފޭލިގެ ދިނުން ހުއްޓާލާނެ ކަން އިންޓަނޭޝަނަލް ރެޑްކްރޮސް އިން ވަނީ އިއުލާންކޮށްފަ އެވެ. އެޖަމާއަތުން ބުނެފައި ވަނީ އިސްރާއީލު އެކަން ހުއްޓާލަނީ އިސްރާއީލުން ހުރަސް އަޅާތީއާއި އެހީގެ ތަކެތި އިސްރާއީލު ސިފައިން އަތުލާތީ ކަމަށެވެ.

އިސްރާއީލުން ފަލަސްތީނު މީހުންގެ ގެތައް ތަޅައި، ޔަހޫދީ އާބާދީތައް ހަދަމުން ގެންދަނީ ހުޅަނފު އައްސޭރީގައި އުރުދުންގެ ސަރަހައްދީ ރޮނގުގެ ކައިރީގަ އެވެ. އިސްރާއީލުން ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްއާއި ޣައްޒާ ހިފީ 1967 ވަނަ އަހަރު ކުރި ހަނގުރާމައިގަ އެވެ. އޭރު ހިފި ތަންތަނުގެ ތެރެއިން އިސްރާއީލް ސިފައިން ފައިބާފައި ވަނީ ހަމަ އެކަނި ޣައްޒާއިންނެވެ. ޣައްޒާއިން 2005 ވަނަ އަހަރު އެމީހުން ފޭބި ނަމަވެސް އޭގެ ފަހުން އެތައް ފަހަރެއްގެ މަތިން އެރަށަށް ހަމަލަދީ އެތައް ބަޔަކު ވަނީ މަރާފަ އެވެ.