އަންނަ މަހުގެ 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ޓިކެޓު އިތުރު ފަސް ބޭފުޅަކަށް ލިބިވަޑައިގެންފި އެވެ.

އިއްޔެ ބޭއްވި ޕީޕީއެމް ޕްރައިމަރީގެ ނަތީޖާ ދައްކާ ގޮތުން ގަމު ދައިރާގެ ޓިކެޓު ލިބިވަޑައިގެންނެވީ މިހާރު ވެސް އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ޔޫސުފް އަބްދުލްޣަފޫރަށެވެ. އޭނާ އަށް 433 ވޯޓު ލިބިވަޑައިގަތް އިރު އޭނައާ ވާދަކުރެއްވި ލ. ގަން ކޯޒީ ކޯނާ އަހްމަދު ރަޝީދަށް ލިބިވަޑައިގަތީ 231 ވޯޓެވެ.

އިސްދޫ ދާއިރާގެ ޓިކެޓު ވެސް ލިބިވަޑައިގަތީ އެ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު އިބްރާހީމަށެވެ. އޭނާ އަށް 419 ވޯޓު ލިބިވަޑައިގަތް އިރު އޭނައާ ވާދަކުރެއްވި ލ. މާބައިދޫ ހަވާސާ އަލީ ނާސިރަށް ލިބިވަޑައިގަތީ 154 ވޯޓެވެ.

މަޑުއްވަރީ ދާއިރާ އަށް ވާދަކުރެއްވި ހަތް ބޭފުޅުންގެ ތެރެއިން ޓިކެޓު ކަށަވަރުވީ ދިޓީގެ ޕްރެޒެންޓަރު، ގދ. ގައްދޫ ރޯސްމާގޭ މުހައްމަދު އަމީތު އަހްމަދު މަނިކަށެވެ. އޭނާ އަށް ލިބިވަޑައިގަތީ 154 ވޯޓެވެ. އޭނައާ ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ގ. ޒަމާނީ ގުލްޝަން އާމިނަތު ނާދިރާ އަށް 29 ވޯޓު ލިބިވަޑައިގަތް އިރު ރ. މަޑުއްވަރީ ނިޔާމަ މުހައްމަދު ޝިހާމަށް ލިބިވަޑައިގަތީ 98 ވޯޓެވެ. އަދި ގ. އާބިން މުހައްމަދު ރަމީލަށް 86 ވޯޓު ލިބިވަޑައިގަތް އިރު ގ. ވައްފުށި މުހައްމަދު އާތިފަށް ލިބިވަޑައިގަތީ 66 ވޯޓެވެ.

ގައްދޫ ދާއިރާގެ ޓިކެޓު ލިބިވަޑައިގަތީ މާލޭ ދަފްތަރު 1458 އަހްމަދު ރަޝީދަށެވެ. އޭނާ އަށް 349 ވޯޓު ލިބިވަޑައިގަތް އިރު އޭނައާ ވާދަކުރެއްވި ގ. ސަންއީސްޓް އަހްމަދު އަމްރޫ އަށް ލިބިވަޑައިގަތީ 36 ވޯޓެވެ.

ފޭދޫ ދާއިރާ އަށް ވާދަކުރެއްވި ހަތަރު ބޭފުޅުންގެ ތެރެއިން ޓިކެޓު ލިބިވަޑައިގަތީ ސ. ފޭދޫ ރާޒްދާން އިބްރާހީމް ދީދީ އަށެވެ. އޭނާ އަށް 423 ވޯޓު ލިބިވަޑައިގަތް އިރު އޭނައާ އެންމެ ކައިރިން ވާދަކުރެއްވި އެރަށު ފެއިތު އަހްމަދު މަރުޒޫގަށް ލިބިވަޑައިގަތީ 191 ވޯޓެވެ. އެ ދާއިރާ އަށް ވާދަކުރެއްވި އަނެއް ދެ ކެންޑިޑޭޓުން ކަމަށްވާ އެރަށު ކަރަންކާވިލާ މުހައްމަދު މުއުމިނަށް 61 ވޯޓު ލިބިވަޑައިގަތް އިރު މުށިމާވިލާ ހައްވާ ޒާހިރާ އަށް ލިބިވަޑައިގަތީ 50 ވޯޓެވެ.