މެންޗެސްޓާ ޔުނައިޓެޑްގައި ހުރެ މިހާރު ދެއްކޭ ކުޅުމާއި މެދު ކަންބޮޑުވާ ކަމަށް އެ ކްލަބަށް ކުޅެމުން އަންނަ ޒުވާން މިލްފިލްޑަރު ޝިންޖީ ކަގާވާ ބުނެފި އެވެ.

ޖަރުމަނުގެ ބޮރޯޝިއާ ޑޯޓްމަންޑް އިން 2012 ވަނަ އަހަރު މެންޗެސްޓާއަށް ގުޅުނު ކަގާވާ، 24، ސްކައި ޕާފެކްޓް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާގެ ކުޅުން މިހާރަށްވުރެ ރަނގަޅު ކުރަންޖެހޭ ކަމަށެވެ. އަދި ކުޅުން ރަނގަޅު ނުކުރެވިއްޖެ ނަމަ ކުޅުންތެރިއަކަށްވާން ބޮޑު ނުވާ ކަމަށް ގަބޫލު ކުރާނެ ކަމަށް ވެސް ކަގާވާ ބުންޏެވެ.

"ކޮންމެ މެޗެއްގައި ވެސް ލަނޑު ޖެހޭތޯ ވަރަށް މަސައްކަތްކުރަން. އެކަމަކު ބައެއް ދުވަސް ދުވަހު ހީވަނީ އަހަންނަކަށް އެކަން ނުވާނޭ. އެކަން ރަނގަޅު ކުރަންޖެހޭ،" ކަގާވާ ބުނެފައިވެ އެވެ.

ކަގާވާ ޔުނައިޓެޑަށް ގުޅުނުތާ ކުރީ ކޮޅުގައި ރަނގަޅަށް ކުޅުމެއް ދެއްކި ނަމަވެސް ފަހުން ކަގާވާ އަށް ވަނީ އެ ކަލަބްގެ ފުރަތަމަ 11 އިން ޖާގަ ލިބޭ ގޮތް ނުވެފަ އެވެ. އެގޮތުން މިދިޔަ ސީޒަންގައި ޔުނައިޓެޑަށް 20 މެޗް ކުޅެދީ ހަ ގޯލް ކާމިޔާބު ކޮށްދިން ކަގާވާއަށް މިސީޒަންގެ މިހާތަނަށް ނުވަ މެޗް ކުޅެ ވަނީ ލަނޑެއް ކާމިޔާބު ނުކުރެވިފަ އެވެ.

ކުރީގެ ޗެލްސީގެ ޒުވާން މިޑްފިލްޑަރު ޖުއާން މަޓާ މެންޗެސްޓާ ޔުނައިޓެޑަށް މިދިޔަ މަހުގެ ގުޅުމާއި ގުޅިގެން ކަގާވާ އަށް ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ލިބުން އިތުރަށް ދަތިވާނެ ކަމަކަށެވެ.