ހަ ވަނަ ގައުމީ ބީޗް ވޮލީ މުބާރާތުގެ އަންހެން ޑިވިޒަންގެ ޗެމްޕިއަންކަން އިމިގްރޭޝަންގެ ޓީމުން ހޯދައި، ފިރިހެން ޑިވިޒަންގެ ޗެމްޕިއަންކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޓީމުން ހޯދައިފި އެވެ.

ހެންވޭރު ކޮޅުގައި އޮންނަ ދޮންގަނޑު ބީޗްވޮލީ ކޯޓުގައި އިއްޔެ ކުޅުނު ފައިނަލް މެޗުން މޮޅުވެ، އަންހެން ޑިވިޒަންގެ ޗެމްޕިއަންކަން އިމިގްރޭޝަންގެ ޓީމުން ހޯދީ މިދިޔަ އަހަރުގެ ޗެމްޕިއަން ޕޮލިސް ކުލަބް 2-1 ސެޓުން ބަލިކުރުމަށްފަހު އެވެ.

އެ މުބާރާތުގެ އަންހެން ޑިވިޒަންގެ ތިން ވަނަ ޓީމަކަށް ހޮވުނީ ކްއީން ސްޕޯޓްސް ކުލަބެވެ.

ފިރިހެން ޑިވިޒަންގެ ޗެމްޕިއަންކަން އެމްއެންޑީއެފްގެ ޓީމުން ހޯދީ ސްޕޯޓްސް ކުލަބު މެކާނޯއާ ވާދަކޮށް 2-1 ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ. ފިރިހެން ޑިވިޒަންގެ ތިން ވަނަ ޓީމަކަށް ހޮވުނީ ސްޕޯޓްސް ކުލަބް ވިޝަންއެވެ.

މިއަހަރުގެ ގައުމީ ބީޗް ވޮލީ މުބާރާތުގައި ޖުމްލަ 19 ޓީމް ބައިވެރިވިއިރު، އެއީ އަންހެން ޑިވިޒަންގެ ހަ ޓީމާއި ފިރިހެން ޑިވިޒަންގެ 13 ޓީމެވެ.