10 Feb 2014, 10:03
މިސްރުގެ މަގެއްގެ ޓްރެފިކަށް ބުރުއަރާ ގޮތަށް ހުރި ފިހާރައެއް ބަންދުކުރަން އެގައުމުގެ ކަމާބެހޭ މުއައްސަސާތަކުން ނިންމުމުން، އެ ފިހާރައިގެ ވެރިމީހާ އެކަމާ ދެކޮޅަށް ހަޅުތާލު ކުރުމުގެ ގޮތުން އަގައިގައި ތަޅު އަޅުވައިފި އެވެ.
އެ ފިހާރައިގެ ވެރިޔާ، ހަމްދި ރަޖަބް ބުނީ އޭނާގެ ދެ ތުންފަތް ތޮރުފައިގެން ތަޅެއް އެޅުވީ އޭނާގެ މުޅި ދިރިއުޅުމުގައި ބުރަ މަސައްކަތް ކޮށްގެން އެއްކުރި ފައިސާ އިން ހެދި ފިހާރަ ތަޅާލަން ނިންމުމުން އެކަމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ކަމަށެވެ.
"އެ ފިހާރަ އެޅުމަށް އަހަރެންގެ މުޅި ދިރިއުޅުމުން އެއްކުރި 4000 ޕައުންޑް އިންވެސްޓް ކުރިން. ނަމަވެސް އަހަރެންގެ ޝަކުވާތައް ނާހާ އެމީހުން އެތަން ހަލާކުކޮށްލަން ނިންމީ." ހަމްދި ރަޖަބް މިސްރުގެ ނޫސްތަކަށް ދީފައިވާ އިންޓަވިއުއާއި ހަވާލާދީ ދުބާއީގެ އެމިރޭޓްސް 7/24 ނޫހުގައި ބުނެފައިވެ އެވެ.
އެ ފިހާރައިން ލިބޭ އެއްޗަކުން އާއިލާގެ ހަރަދު ބަރަދު ބަލަހައްޓަމުންދާ ހަމްދި ބުނީ މިސްރުގެ މުއައްސަސާތަކުން އެ ފިހާރަ އަލުން އަޅައި ނުދީފިނަމަ އެ މައްސަލަ އެ ގައުމުގެ ޑިފެންސް މިނިސްޓަރަށް ވެސް ހުށަހަޅާނެ ކަމަށެވެ.