16 Dec 2010, 12:23
ލޯކަލް ކައުންސިލްތަކުގައި މަސައްކަތް ކުރާ މީހުންނަކީ ވަކި ހާއްސަ މުސާރައެއް ދޭން ޖެހޭ ބައެއް ނޫން ކަމަށާއި އެމީހުންނަކީ ހިލޭސާބަހަށް މަސައްކަތް ކުރަން ޖެހޭ ބައެއް ކަމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތު ލޯކަލް ފޯރަމް [ސީއެލްޖީއެފް] ސެކްރެޓަރީ ޖެނެރަލް ކާލް ރައިޓް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަންނަ ފެބުރުއަރީ މަހު ބޭއްވުމުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުންނާއި ލާމަރުކަޒީ އުސޫލުން ސަރުކާރު ހިންގުމާ ބެހޭ ގޮތުން ސަރުކާރަށް ލަފަޔާއި މަޝްވަރާ ދިނުމަށް މިހާރު ރާއްޖެ އައިސްގެން އުޅޭ ވަފުދުން ނޫސްވެރިނާ ވާހަކަ ދައްކަމުން އެ ވަފުދުގެ އިސްވެރިޔާ ކާލް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކައުންސިލް މެންބަރުން ވެފައި އޮންނަނީ ވަކި ހާއްސަ މުސާރައެއް ދޭ ބައެއްގެ ގޮތުގައި ނޫން ކަށާއި އެ މީހުން ވާން ޖެހޭނީ ދާއިރާގެ ތަރައްގީއަށް އަމިއްލަ އިންޓަރެސްޓުގައި ނިކުމެ މަސައްކަތް ކުރާ ބަޔަކަށް ކަމަށެވެ.
"ރައްޔިތުންގެ މަޖުލީހަށް ގޮވާލަން ކައުންސިލަރުންނަކީ ވަކި ހާއްސަ މުސާރައެއް ލިބޭ ބައެއްގެ ގޮތުގައި ނުހެދުމަށް. އެއީ އެމީހުން ވާން އެބަޖެހޭ އެ ދާއިރާއެއްގެ ތަރައްގީ އާއި ހެވާ ލާބަޔަށް ޓަކައި މަސައްކަތް ކުރާ ބަޔަކަށް. އޭރުން ސަރުކާރުގެ ހަރަދުތައް ކުޑަވެގެން ދާނެ،" ކާލް ވިދާޅުވި އެވެ.
ހޯމް މިނިސްޓްރީގެ ފަރާތުން ކައުންސިލް އިންތިހާބުތަކުގެ ދުވަސްވަރު ކައުންސިލަރުން ތިބޭ ގޮތަށް ނިންމަވާފައިވާ ނިންމެވުމާ މެދު ކާލް ވިދާޅުވީ އެކަމަކީ އިންތިހާބުގެ މިނިވަންކަމާއި މުސްތަގިއްލު ކަމަށް އެއްވެސް ވަރަކަށް އޮތް ހުރަހެއް ނޫން ކަމަށާއި ޒިންމާދާރު ވެރިން ލޯކަލް އިންތިހާބުތައް ކައިރިން ބައްލަވަމުން ގެންދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސިވިލް ސާވިސްކޮމިޝަނުން ދެއްވާފައިވާ ކަމަށެވެ.
"އެކަމާ އަޅުގަނޑުމެން އެހާ ކަންބޮޑެއް ނުވޭ. ތިކަމާ ގުޅޭ ގޮތުން ސިވިލް ސާވިސް ކޮމިޝަނާ އަދި ސަރުކާރާ ވެސް މަޝްވަރާކުރިން. ސިވިލް ސާވިސް ކޮމިޝަނުން ޔަގީންކަން ދެއްވި ޒިންމާދާރު ވެރިން އިލެކްޝަން ވަރަށް ކައިރިން ބައްލަވާނެ ކަމުގެ. އެކަމުން [އިންތިހާބުގެ މިނިވަންކަމާއި މުސްތަގިއްލު ކަމަށް] އެއްވެސް ބުރުލެއް ނާރާނެ،" ރަށްތައް ހިންގުމަށް ސަރުކާރުން އައްޔަންކޮށްފައި ތިބި ކައުންސިލަރުން ތިބުމާ އެކު އެކަމުން އިންތިހާބަށް އެއްވެސް ވަރެއްގެ ނުފޫޒެއް ފޯރައިފާނެތޯ ދެންނެވުމުން ކާލް ވިދާޅުވި އެވެ.
ލާމަރުކަޒީ އުސޫލުން ސަރުކާރުގެ ހިންގުން ބަދަލުކުރުމުން ސަރުކާރުގެ ހަރަދު ބޮޑުވެ، ދަރަނި ބޮޑުވަމުންދާ މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ކާލް ވިދާޅުވީ ލާމަރުކަޒީ އުސޫލުން ސަރުކާރުތައް ހިންގަން ފެށުމުން ލިބޭ ތަރައްގީ އެތައް ގޮތަކުން ރަނގަޅުވެގެން ދާނެ ކަމަށެވެ.
ކާލް ވިދާޅުވީ ލާމަރުކަޒީ އުސޫލުތަކަށް ރައްޔިތުން އަހުލުވެރިވާން ޖެހޭ ކަމަށާއި އެކަމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަން ޖެހޭނީ މީޑިއާ އާއި މަދަނީ ޖަމްއިއްޔާތައް ކަމަށެވެ.
އެ ނިއުސްކޮންފަރެންސްގައި ކާލް ވަނީ ލާމަރުކަޒީ އުސޫލުން ސަރުކާރުތައް ހިންގުމާ ގުޅޭ ގޮތުން ސައްހަ މައުލޫމާތު ރައްޔިތުންނަށް ލިބިފައި ނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"ރައްޔިތުން އަދިވެސް ހޭލުން ތެރިވާން ޖެހޭ މިންވަރަށް ހޭލުންތެރި ވެފައެއް ނެތް. މިކަމުގައި ސަރުކާރާއި އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުން ވަރަށް މުހިންމު." ކާލް ވިދާޅުވި އެވެ.