10 Feb 2014, 09:34
ރަހުމަތްތެރި ކަމުގެ މެޗުގައި ސީޝެލްސްގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ނޮދާން ޑައިނަމޯއާ އަތުން 3-1 ލަނޑުން ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެ އެވެ.
އިއްޔެ ހަވީރު ޓާފްއެއްނަންބަރު ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ ދެ ވަނަ ހާފުގައި މާޒިޔާ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަހްމަދު ރަޝީދު (އައްމަޑޭ) އެވެ. އަދި މާޒިޔާގެ އަނެއް ދެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ދެ ވަނަހާފުގައި އިބްރާހިމް ޝިޔާމް (ކުޑަތޮއްޑޫ)އާއި ސިއެރަ ލިއޯންގެ ފޯވަޑް އަބޫ ޑެސްމޮން މަންސާރޭ އެވެ.
ނޮދާން ޑައިނަމޯއާ ޓީމުން މާޒިޔާކޮޅަށް ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެލީ އެވެ.
އިއްޔެގެ މެޗުގައި ސީޝެލްސްގެ ނޮދާން ޑައިނަމޯއާ ޓީމަށް ރާއްޖޭގެ ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު ހަސަން އަދުހަމް (ސަޑޭ) އާއި ކުރިން ވީބީ އަށް ކުޅުނު އަހުމަދު ޒިއާން ވަނީ ކުޅެފަ އެވެ. މި ދެ ކުޅުންތެރިން ވެސް ކުޅުނީ އެ ކްލަބުގެ ޓްރައިލެއްގަ އެވެ.
ސީޝެލްސްގެ ނޮދާން ޑައިނަމޯއާގެ ޓީމް ރާއްޖެއަށް ކުރާ ދަތުރުގައި ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ވެސް އެކުވެރި ކަމުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެމެޗް ކުޅުމަށް މިހާރު ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 4:00 ޖަހާއިރު އެވެ.
ސީޝެލްސްގެ ނޮދާން ޑައިނަމޯއާގެ ޓީމްގެ ޗެއާމަން އަކީ ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޑިރެކްޓަރު އަހުމަދު މާހިރު ދީދީ (އަހައްމައިދީ) އެވެ.