މިހާރު ކުރިއަށްދާ 17 ވަނަ ސަރުކާރު އޮފީސް އަދި ކުންފުނި ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑީވިޒަންގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކުޅުނު ތިންވަނަ މެޗް ކާމިޔާބުކޮށްފި އެވެ.

ރޭ އެކުވެނި އައުޓްޑޯ ބާސްކެޓްބޯލް ކޯޓުގައި ކުޅެވުނު މެޗުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ވާދަކޮށް އެމްއެންޑީއެފް މޮޅުވެފައި ވަނީ 76-79 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެމްއެންޑީއެފް ޓީމުގެ އަހުމަދު ނަސީޜެވެ.

މިމުބާރާތުގައި އެމްއެންޑީއެފް ދެން ވާދަކުރާނީ އަންނަ ބުދަ ދުވަހު ހަވީރު 4:00 ޖަހާއިރު ދިރާގާ ދެކޮޅަށެވެ.

މިމުބާރާތުގައި މިއަދު ހަވީރު 4:00 ޖަހާއިރު ބައްދަލުކުރާ ދެ ޓީމަކީ އަންހެން ޑިވިޒަންގެ އެމްއެންޑީއެފާއި ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ޓީމެވެ. އަދި މިރޭ 8:30 ގައި ބައްދަލުކުރާ ދެ ޓީމަކީ ފިރިހެން ޑިވިޒަންގެ އިމްގްރޭޝަން އާއި އެމްޓީސީސީ އެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ ތެރޭގައި ހިމެނެނީ ފިރިހެން ޑިވިޒަންގެ 10 ޓީމާއި އަންހެން ޑިވިޒަންގެ ތިން ޓީމެވެ. މިމުބާރާތުގައި ބައިވެރިވި ފިރެހެން ޑިވިޒަންގެ ޓީމްތަކަކީ އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އާއި އެމްޕީއެލް އާއި އެމްޓީސީ އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި އިމިގްރޭޝަން އާއި އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޔޫތު މިންޓުރީ އާއި ދިރާގު އަދި ފޮރިން މިނިސްޓްރީ އެވެ. އަދި މުބާރާތުގެ އަންހެން ޑިވިޒަނުގައި ވާދަކުރާ ތިން ޓީމަކީ ކަސްޓަމްސް އާއި އިމިގްރޭޝަން އަދި އެމްއެންޑީއެފް އެވެ.

މުބާރާތުގެ ފިރިހެން ޑިވިޒަންގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ނެވެ. އެގޮތުން ކޮންމެ ގްރޫޕަކުން ދެ ޓީމު ދެވަނަ ބުރަށް ދަތުރު ކުރާއިރު ފައިނަލަށް ދަތުރު ކުރާނީ ގަދަ ހަތަރު ޓީމު ނޮކްއައުޓް އުސޫލުން ކުޅެ އެންމެ މޮޅު ދެ ޓީމެވެ. އަދި އަންހެންޑިވިޒަންގެ ފައިނަލަށް ދަތުރުކުރާނީ އެންމެ މޮޅު ދެ ޓީމެވެ.