ދިމިޝްގު (ފެބްރުއަރީ 10): ސޫރިޔާގެ އެންމެ ބޮޑު އެއްސިޓީ ކަމަށްވާ ޙިމްސްގައި ހަނގުރާމައިގެ ސަބަބުން ތާށިވެފައިތިބި އާންމުންގެ ތެރެއިން 611 މީހުން އެރަށުން ބޭރަށް ގެންދެވި ބާކީތިބި މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދެވިއްޖެކަން އދ. ން ނާއި ސޫރިޔާ ގެ ރެޑް ކްރެސެންޓުން ހާމަކޮށްފި އެވެ.

މި ދެ ފަރާތުންބުނީ ޙިމްސްއިން ބޭރަށްގެންދެވުނު އާންމުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން ކަމަށާއި މިއެންމެންނަށް ވެސް ކާޑުބަލިޖެހިފައިވާ ކަމުގަ އެވެ. ޙިމްސްގައި ތާށިވެފައިވާ އާންމުން ފާއތުވި އަހަރެއްހާ ދުވަހު ބަނޑުފުރާނަ މުއްތިކޮށްފައި ވަނީ ވަރަށް ކުޑަމިންވަރެއްގެ ކާބޯތަކެތިން ކަމަށާއި ހައިހޫނުކަން ފިލާވަރަށް ކާބޯތަކެތި އެމީހުންނަށް ނުލިބޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ޙިމްސް އިން އިއްޔެ ސަލާމަތްކޮށްގެން ރައްކާތެރި ހިސާބުތަކަށް ގެންދެވުނު އާންމުން ބުނެފައިވެ އެވެ.

އދ. ބުނާ ގޮތުން ޙިމްސްގައި އަދިވެސް ދެހާހެއްހާ އާންމުން ތާށިވެފައި އެބަތިއްބެވެ. އެފަރާތްތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި އިންސާނީ އެހެނިހެން އެހީތައް ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ފޯރުކޮށްދެވިފައިވީ ނަމަވެސް ޙައްލަކީ މިއެންމެން ވެސް ޙިމްސްއިން ބޭރުކުރުން ކަމަށާ މިކަމަށް މަސައްކަތް ކުރުމަށްޓަކައި ޙަމަލާތައް ހުއްޓާލުމުގެ އިތުރު އެއްބަސްވުމެއް ވުޖޫދަށް ގެނައުމަށް މަސައްކަތްކުރާނެ ކަމަށްވެސް އދ. ން ނާއި ސޫރިޔާގެ ރެޑްކްރެސެންޓް ޖަމާއަތުން ބުނެ އެވެ.

ޙިމްސްއަކީ ސޫރިޔާގައި ހިނގާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައިވާ ރަށެކެވެ. އެރަށަކީ މީގެ އަހަރެއްހާ ދުވަސްކުރިން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށަށްގޮސްފައިވާ ރަށެކެވެ. ޙިމްސް އަލުން އަނބުރައި ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށްޓަކައި ސޫރިޔާ ސިފައިން ހަނގުރާމަކުރަމުން ގެންދާއިރު އެރަށުގައި ފައިހަރުކޮށްގެން ތިބެ އެރަށް ދިފާޢުކުރުމަށް އިދިކޮޅު ހަނގުރާމަވެރިން ވެސް ގެންދަނީ ވަރުގަދައަށް ޙަމަލާތައް ދެމުންނެވެ.
މިއާ އެކު ޙިމްސްއާއި ވަށައިގެންވާ ސަރަހައްދުތަކުން މީހުން ބޭރުވުމާއި އެތެރެވުން މަނާކޮށް ސޫރިޔާ ސިފައިން ވަނީ އެރަށުގެ ވަށައިގެން ޙިސާރުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ. ޙިމްސްއިން ކާބޯތަކެއްޗާއި ބޯފެން ހުސްވެފައިވާތާ އަހަރެއްހާ ދުވަސް ވެފައިވާތީ އެރަށުގައި ތާށިވެފައިވާ އާންމުން އެރަށުން ބޭރަށް ގެންދިޔުމަށާއި އެ ރަށުގައި ތިބެންބޭނުންވަ މީހުންނަށް ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ސޫރިޔާ ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިން އެއްބަސްވެފައި ވަނީ އެންމެ ތިން ދުވަހުގެ މުއްދަތަށެވެ.

މިތިން ދުވަހުގެ ތެރޭގައި ވެސް ސޫރިޔާ ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިން އެކިފަހަރުމަތިން ޙަމަލާތައް ބަދަލުކުރަމުން ގެންގޮސްފައި ވާތީ ސޫރިޔާގެ ރެޑްކްރެސެންޓް ޖަމާއަތާއި އދ. ގުޅިގެން ވަނީ 600 އަށްވުރެ ގިނަ އާންމުން އެރަށުން ބޭރުކޮށް އަދި އިންސާނީ އެހީގެ ތަކެތި އެރަށަށް ވައްދާފައި ވަނީ ފުރާނައަށް ނުރައްކާތެރިވާ ފަދަ މާހައުލެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)