10 Feb 2014, 00:29
ދިވެހި ރާއްޖެ އަށް މުސްތަގުބުލެއް އޮތީ ސަރުކާރު ކޯލިޝަނަށް ގޮނޑިތައް ލިބިގެންކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެމްޑީއޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ އަށް ކެނޑިޑޭޓުންނަށް ރަސްމީކޮށް ޓިކެޓް ހަވާލުކުރުމަށް މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ކޯލިޝަންގެ ގޮނޑިތަކަކީ ސައްތައިންސައްތަ ލިބޭ ގޮނޑިތަކަކަށް ހަދަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ ގައުމުގެ އިގްތިސާދު ދާނީ ދަށަށް ކަމަށެވެ.
"ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް އާއި އެމްޑީއޭ އިން ވާދަކުރާ ހުރިހާ ގޮނޑިތަކަކީ ސައްތައިން ސައްތަ ލިބޭ ގޮނޑިތަކަކަށް ހަދަންޖެހޭ. މި ނޫން ގޮތަކަށް ކަންކަން ގޮސްފިނަމަ އަޅުގަނޑުމެންގެ އިގްތިސާދު ދާނީ ދަށަށް،" މީދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ އެޕާޓިގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރައްވާ ފަރާތްތަކަކީ ތަޖުރިބާ ކާރު އިހުލާސްތެރި ބޭފުޅުން ކަމަށާއި މާތްﷲ ގެ އިރާދަފުޅުން އެޕާޓީއަށް ލިބިފައިވާ ހުރިހާ ގޮނޑިތައް ވެސް ކާމިޔާބު ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން ކުރިމަތިލާ ގޮނޑިތައް ފަސޭހަކަމާއެކު އުނދަގުލެއް ނެތި ﷲ އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނަން" ސިޔާމް ވިދާޅުވި އެވެ.
ސިޔާމްގެ ވާހަކަފުޅުގައި އެޕާޓީގެ ޓިކެޓްގައި ކައުންސިލްތަކަށް ހޮވުނު ފަރާތްތަކުންވެސް ގައުމީ މަސްލަހަތު އިސްކޮށް މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ.
މިރޭގެ ހަފްލާގައި މަޝްހޫރު ބައެއް ލަވަކިޔުންތެރިންނާއި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަސްއަދު އަބްދުއްޢަނީ ވަނީ އެމްޑީއޭއަށް ސޮއިކޮށްފަ އެވެ. އަދި ބައެއް ރަށްރަށުން ވަނީ އެމްޑީއޭގެ ގިނައަދަދެއްގެ ފޯމްތައް ސިޔާމާ ހަވާލުކޮށްފަ އެވެ.