10 Feb 2014, 00:13
ކައުންސިލްތަކަށް ބާރު ލިބިދޭ ގޮތަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބަދަލުގެންނަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ފަރާތުން އޭދަފުށި ދާއިރާއަށް ވާދަކުރައްވާ ހިސާން ހުސައިންގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ކައުންސިލްތައް ބާރުވެރިކުރުވައި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށެވެ.
"އެ ކައުންސިލްތަކުން އެ ކައުންސިލްތައް ތަރައްގީ ކުރެވޭނެ ގޮތްތައް، އެ ރަށްތައް ތަރައްގީ ކުރެވޭނެ ގޮތްތައް އަޅުނގަޑުމެން ހޯދައިދޭނަން،" ނަޝީދު ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ކައުންސިލްގެ ބަލަދުވެރި ފަރާތްކަމަށްވާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް މީގެކުރިން ވަނީ ކަމާބެހޭ ފަރާތްތަކުގައި އެދިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގައި އެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލްތައް ހުރިނަމަވެސް މިހާތަނަށް އެ ބިލްތަކުގެ މަސައްކަތް ނިންމާފައެއް ނުވެ އެވެ.