މިއަދުގެ ސަރުކާރަށް ރާއްޖޭގައި ނަރުދަމާގެ ނިޒާމް ގާއިމް ނުކުރެވޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ އުމަރު އަބްދުއް ރައްޒާގުގެ ކެމްޕޭން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ އަހަރެއްގެ ތެރޭގައި އެންމެ ކުޑަމިނުން ދެ ރަށެއްގައި ވެސް ނަރުދަމާގެ ނިޒާމް ގާއިމް ނުކުރެވޭ ކަމަށާއި ސަބަބަކީ ގައުމުގެ އިގްތިސޯދީ ހާލަތާއި މާލީ ހާލަތު ހުރިގޮތުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީސް ބޭނުންކޮށްގެން ކޮންމެ ކައުންސިލަކަށް ފަޅުރަށެއް ހޯދައި ދިނުމުގެ މަސައްކަތް އެޕާޓީން ކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ކޮންމެ ކައުންސިލަކަށް ފަޅުރަށެއް ހޯދަދޭން އަޅުގަނޑުމެން މަސައްކަތް ކުރާނަން. އޭރުން އެ ރަށްރަށުން އެ ރަށްރަށުގެ މުއްސަނދިކަން ބޭނުންކޮއްގެން ނަރުދަމާ ހެދުމާ މަގުތަށް ހެދުންފަދަ މަސައްކަތްތަށް ކުރެވޭނެ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެގޮތަށް ވިދާޅުވާއިރު އަތޮޅުތަކުގެ ބައެއް ރަށްތަކުގައި ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި ބަނދަރު ހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ފާހަގަކުރެވެ އެވެ.