09 Feb 2014, 23:51
ފަހު ހާފުގެ އިތުރު ވަގުތުގައި ޑެރެން ބެންޓް ޖަހައިދިން ލަނޑުން 2-2 އިން މެޗުގެ ނަތީޖާ އެއްވަރުކޮށް ފުލަމައިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.
އިނގިރޭސި ލީގު ތާވަލުގެ ފުލުގައި އޮތް ފުލަމްއާ ދެކޮޅަށް ޔުނައިޓެޑް އެޓީމުގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުން އެއްވަރު ވުމުން އެޓީމު އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް ކުރަމުން އަންނަ ބުރަ މަސައްކަތަށް މިވަނީ އަނެއްކާވެސް ހުރަސް އެޅިފަ އެވެ. އަދި މި ނަތީޖާއާ އެކު ފުލަމްއަށް 20 ޕޮއިންޓު ލިބިފައިވާއިރު ތާވަލުގެ ހަތް ވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައިވަނީ 41 ޕޮއިންޓެވެ. މިއީ ތާވަލުގެ ހަތަރު ވަނައިގައި އޮތް ލިވަޕޫލަށްވުރެ ނުވަ ޕޮއިންޓް މަދު އަދަދެކެވެ.
އޯލްޑް ޓްރަފޯޑްގައި ޔުނައިޓެޑާ ވާދަކޮށް ފާހަގަކޮށްލެވޭފަދަ ނަތީޖާއެއް ފުލަމްއިން ނެރުނު މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދީވެސް ފުލަމް އިންނެވެ. މެޗުގެ 19 ވަނަ މިނިޓުގައި އެޓީމަށް ކުރި ހޯދައިދިނީ ސްޓީވް ސިޑްވެލް އެވެ.
ދެވަނަ ހާފުގެ ކުޅުންފެށިގެން ވެސް ވަރުގަދައަށް ޑިފެންސް ކުރަމުން ގެންދިޔަ ފުލަމްގެ ގޯލް ފޫއަޅުވާލުމަށްފަހު ޔުނައިޓެޑުން 80 ސިކުންތުގެ ތެރޭގައި ދެ ލަނޑު ކާމިޔާބުކޮށް އުންމީދު އާކުރި އެވެ. އެގޮތުން 78 ވަނަ މިނިޓުގައި ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ، ރޮބިން ވެން ޕާސީ އެވެ. އަދި 80 ވަނަ މިނިޓުގައި ޔުނައިޓެޑަށް ކުރި ހޯދައިދިނީ، މައިކަލް ކެރިކް އެވެ.
ކުޑަ ވަގުތު ކޮޅަކަށް ޔުނައިޓެޑަށް ލިބުނު އުފާވެރިކަމާއި ހިތްހަމަ ޖެހުން ނިމުމަކަށް އައީ، މެޗުގެ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ފުލަމްގެ ބެންޓް އިތުރު ވަގުތުގައި ޖަހައިދިން ލަނޑުންނެވެ. ކިއަރެން ރިޗަޑްސަން ފޮނުވާލި ބާރު ހަމަލާ ޔުނައިޓެޑްގެ ގޯލް ކީޕަރު ޑޭވިޑް ޑެހެއާ އަތުން ޖަހައި ބޭރު ކޮށްލި ނަމަވެސް އެ ބެންޓު ވަނީ ބޮލުންޖަހައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މިރޭގެ މެޗަކީ 2006 ވަނަ އަހަރުގެ ފަހުން ޕްރިމިއާ ލީގު މެޗެއްގައި ޓީމަކުން އިދިކޮޅު ޓީމެއްގެ ގޯލް ކުރިމައްޗަށް އެންމެ ގިނަ ހުރަސް ނަގައިދިން މެޗެވެ. ޔުނައިޓެޑުން ފުލަމްގެ ގޯލް ކުރިމައްޗަށް 81 ހުރަސް ނަގައިދިން ނަމަވެސް އޭގެ ތެރެއިން އެޓީމުގެ ކުޅުންތެރިންނާ ހަމައަށް ވާސިލްވެފައިވަނީ 18 ހުރަހެވެ.
ތާވަލުގެ ފުލުގައި އޮތް ފުލަމްގެ ކުޅުންތެރިން މުޅި މެޗުގައި ވެސް ޔުނައިޓެޑްގެ ގޯލަށް އެންމެ ތިން ހަމަލާ އަމާޒުކުރި މި މެޗުގައި އެޓީމުން ހޯދި ޕޮއިންޓަކީ، ޑިސެންބަރު މަހު އެޓީމުގެ ކޯޗު ކަމާ ހަވާލުވި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފަސްޓް ޓީމް ކޯޗު ރެނޭ މިއުލެންސްޓީން އަށް ލިބުނު ރަނގަޅު ކާމިޔާބެކެވެ.
ޕްރިމިއާ ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް 25 މެޗު ކުޅެފައިވާއިރު ތާވަލުގެ އެއްވަނައިގައި 56 ޕޮއިންޓާއެކު އޮތީ ޗެލްސީ އެވެ. އެޓީމަށް ވުރެ ޕޮއިންޓެއް މަދުން ލިބި ތާވަލުގެ ދެ ވަނައިގައި އާސެނަލް އޮތްއިރު މެންޗެސްޓާ ސިޓީ އޮތީ 54 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގަ އެވެ.