09 Feb 2014, 22:58
އާސެނަލްގެ ކުރީގެ ތަރި އެމެނުއެލް އަޑެބަޔޯ ޖަހައިދިން ލަނޑުން 1-0 އިން އެވަޓަން އަތުން މޮޅުވެ ޓޮޓެންހަމް ހޮޓްސްޕާ، އިނގިރީސި ޕްރިމިއާ ލީގު ތާވަލުގައި ކުރިއަށް ޖެހިލައިފި އެވެ.
ވައިޓްހާޓް ލޭންގައި މިރޭ ކުޅުނު މެޗަށް ނުކުތްއިރު ޓޮޓެންހަމް އޮތީ ޕޮއިންޓެއްގެ ތަފާތުން 45 ޕޮއިންޓް ހޯދާފައިވާ އެވަޓަން އަށްވުރެ ފަހަތުގަ އެވެ. އެހެން ނަމަވެސް މިރޭގެ މެޗުގެ ނަތީޖާއާއެކު 47 ޕޮއިންޓު ހޯދައިގެން ޓޮޓެންހަމް ވަނީ، ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލައި، އެވަޓަން ހަވަނައަށް ދުއްވާލާފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ލަނޑު މެޗުގެ 65 ވަނަ މިނިޓުގައި ސެޓްޕީސް އަކުން ކާމިޔާބުކޮށްދިނީ އަޑެބަޔޯ އެވެ. ޕެނަލްޓީ އޭރިޔާގެ މެދާދިމާއިން ބޭރުގައި ހުރެ އަޑެބަޔޯ ފޮނުވާލި މާރު ހަމަލާ އަމާޒުވީ ވާތްފަރާތުން ގޯލްގެ ތިރީ ކަނަށެވެ.
މެޗަށްފަހު އެވަޓަންގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ، މިއީ ހިތްދަތި ނަތީޖާއެއް ކަމަށެވެ. އަދި އޭނާގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަކަމަށް މާޓިނޭޒް ބުންޏެވެ.
މިރޭ ޓޮޓެންހަމް އަތުން ބަލިވުމުން އެވަޓަން ވަނީ، ތާވަލުގެ ހަތަރު ވަނައިގައި އޮތް ލިވަޕޫލަށްވުރެ ފްސް ޕޮއިންޓް ފަހަތަށް ވެއްޓިފަ އެވެ.
މިސީޒަންގެ ޕްރިމިއާ ލީގުގައި މެޗެއްގެ ކުރި ހޯދުމަށްފަހު ޓޮޓެންހަމް އެ މެޗަކުން ބަލިވެފައި ނުވާއިރު އަޑެބަޔޯ ލަނޑު ޖެހި ހުރިހާ ލީގު މެޗެއް އެޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ.