16 Dec 2010, 12:12
އެމެރިކާގައި އުފައްދާ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ސްމާޓް ބޮމުގެ ޝިޕްމަންޓެއް އިސްރާއީލަށް ފޯރުކޮށްދިނުމަށް އެމެރިކާ މަސައްކަތް ކުރަމުން ގެންދާ ކަމަށް އިސްރާއީލުގެ މީޑިޔާގައި ޝާއިޢުކުރި ރިޕޯޓްތަކެއް ބުނެފި އެވެ. މިރިޕޯޓްތައް ބުނާގޮތުން މި ޝިޕްމަންޓް އިސްރާއީލަށް ފޯރުކޮށްދިނުމުގައި އެމެރިކާގެ މަޤްސަދަކީ އިސްރާއީލާ އަވަށްޓެރި ޤައުމުތަކާއި ސަރަޙައްދުގެ ހުރިހާ ޤައުމުތަކަށްވުރެ ޢަސްކަރީގޮތުން ބާރުގަދަ ޤައުމެއްގެ ގޮތުގައި އިސްރާއީލު ބޭއްވުމަށް އެމެރިކާ ގެންގުޅޭ ސްޓްރޓެޖީ އެގޮތުގައި ދެމެހެއްޓުމެވެ. އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދެނީ ޖީ.ބީ.ޔޫ. ތިރީސް ނުވައެއް މަރުކާގެ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ސްމާޓްބޮމެވެ. އެމެރިކާގެ ބޮއިންގ ކުންފުނިން އުފައްދާ މި މަރުކާގެ ސްމާޓްބޮމަކީ މިހާތަނަށް ހަމައެކަނި އެމެރިކާގެ ބޭނުންތަކަށް ޚާއްސަކޮށްގެން އުފައްދާ ސްމާޓް ބޮމެވެ. މިއީ އެމެރިކާ ފިޔަވައި އެހެން ޤައުމަކަށް މި މަރުކާގެ ސްމާޓްބޮން ފޯރުކޮށްދޭ ފުރަތަމަ ފަހަރުކަމަށް އިސްރާއީލުގެ ނޫހެއްކަމަށްވާ ޖެރޫސަލް ޕޯސްޓްބުނެ އެވެ. ޖީ.ބީ.ޔޫ. ތިރީސް ނުވައެއް މަރުކާގެ ސްމާޓްބޮން އެމެރިކާއިން ގަތުމަށް އިސްރާއީލުން މަސައްކަތްކުރާތާ އަހަރުތަކެއްވުމަށްފަހު އެމެރިކާގެ ކޮންގްރެސްއިން މިކަމަށް ހުއްދަދިނީ ދެހާސް އަށްވަނަ އަހަރުއެވެ. ކޮންގްރެސްއިން އެމެރިކާގެ ސަރުކާރަށް ހުއްދަދިނީ މިބާވަތުގެ އެއްހާސް ސްމާޓް ބޮމުގެ ޝިޕްމަންޓެއް އިސްރާއީލަށް ވިއްކުމަށެވެ. މި ޝިޕްމަންޓްގެ އަގަކީ ހަތްދިހަ ހަތް މިލިޔަން އެމެރިކާ ޑޮލަރެވެ. ޖީ.ބީ.ޔޫ. ތިރީސް ނުވައެއް މަރުކާގެ ސްމާޓް ބޮމަކީ މަސްނޫޢީ ސިކުނޑިއެއްގެ އެހީގައި އަމިއްލައަށް އަމާޒު ހޯދައިގެން ތަންތަނަށް ޙަމަލާދިނުމުގެ ޤާބިލްކަން ލިބިގެންވާ ބޮމެކެވެ.