09 Feb 2014, 22:22
ގުރުއަތުން ހޮވޭ ފަރާތްތަކަށް ވަރަށް ހާއްސަ އިނާމުތަކަކާއެކު "ޗޮކްލެޓް ވީކް"ގެ ނަމުގައި އެސްޓިއޯއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު އާދަމް އާޒިމް އެވެ.
އެހެން އަހަރު ތަކެކޭ އެއްފަދައިން މިފަހަރު ވެސް ޗޮކްލެޓްގެ ތަފާތު ބްރޭންޑްތައް ވަރަށް ހާއްސަ ޑިސްކައުންޓް އަގުތަކެއްގައި ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި މި މުއްދަތުގެ ތެރޭގައި 50ރ.ގެ ޗޮކްލެޓްގެ ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ބައިވެރިވެވޭ ގޮތަށް ލަކީޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މިފަހަރުގެ ޗޮކްލެޓް ވީކުގެ ނަސީބުވެރިންގެ ތެރެއިން ގުރުއަތުން އެއްވަނައަށް ހޮވޭ ފަރާތަކަށް ލިބޭނީ ފިލިޕްސް ހޯމްތިއޭޓާ ސިސްޓަމެކެވެ. އަދި ދެވަނަ އަށް އަންނަ ނަސީބުވެރި ފަރާތަކަށް 3000ރ. ގެ ގިފްޓް ވައުޗާ ލިބޭއިރު ތިން ވަނައަށް އަންނަ ފަރާތަކަށް ފިލިޕްސް މައިކްރޯ ތިއޭޓާ ސިސްޓަމެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯ ޗޮކްލެޓް ޕްރޮމޯޝަންގައި ތަފާތު ޗޮކްލެޓް ތަކުގެ އަޖުމަ ބައްލަވަން ބޭނުނުންފުޅުވާ ފަރާތްތަކަށް ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން ރޭގަނޑު 10:30 އަށް އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ. އަދި މި ޕްރޮމޯޝަން ކުރިއަށްދާއިރު އެސްޓީއޯ ސްޕަމާޓުން ވިޔަފާރި ކުރާ ފަރާތްތަކަށް ކޮންމެ ދުވަހަކު ހަވީރު "ފްރީ ގިފްޓްސް" ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ވީބީ، ސިމްޑީ އަދި ޔޫރޯ މާކެޓިންގެ އެހީތެރިކަމާއެކު އެސްޓީއޯއިން ކުރިއަށް ގެންދާ ޗޮކްލެޓްގެ މި ހާއްސަ ޕްރޮމޯޝަންގައި ފެރޭރޯ، ޓޮބްލެރޯން، ބަލްސަން، ކެޑްބަރީ، މާސް، ސްނިކާސް، ލިންޓް، އެމް އެންޑް އެމް، ބައުންޓީ އަދި ޓްވިކްސް ފަދަ ބްރޭންޑްތައް ހިމެނެ އެވެ.