09 Feb 2014, 22:05
މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއް ސަލާމަތްކޮށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 30 އަހަރާއި 32 އަހަރުގެ ބަނގުލަދޭޝްގެ ދެ މީހުން ކަމަށެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް މި މަހުގެ ނުވަ ވަނަދުވަހުގެ ހަވީރު 4:50 ހާއިރު ގެއެއްގެ ތެރޭގައި ބިދޭސީއަކު ރަހީނުކޮށްފައިވާކަމަށް ބުނެ ޢާއްމުފަރާތަކުން ދިން މަޢުލޫމާތަކާ ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި ހަރަކާތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މިމަހުގެ ނުވަ ވަނަ ދުވަހުގެ ހަވީރު 5:45 ހާއިރު ގ. އުއްމީދީ އުފާ ގޭގެ ބިދޭސީން ދިރިއުޅެމުންދިޔަ ތަނެއްގެ ތެރެއިން ކަމެވެ. އަދި އެ އޮޕަރޭޝަނުގައި ފުލުހުން އެގެއަށް ވަތް އިރު ރަހީނުކޮށްފައިވާ ބިދޭސީ މީހާ އެކޮޓަރިތެރޭގައި ހުރިކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އެކޮޓަރިތެރެ ބަލައި ފާސްކުރިއިރު އެކޮޓަރިތެރޭގައި ހުރި މީހަކު އޮށޯވެގެން އޮތް ބާލީސް ދަށުން ދޮޅު އިންޗީގެ ވަޅިއެއް ފެނިފައިވާއިރު އެކޮޓަރިތެރެއިން ލަކުޑި ބުރިއެއްވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ފުލުހުން ސަލާމަތްކުރި ބިދޭސީ މީހާ އެކޮޓަރިތެރޭގައި ރަހީނުކޮށްފައި ހުންނަތާ ތިން ދުވަސްވެފައިވާކަމަށާއި ރަހީނުކޮށްފައި ހުރި އިރު ކާންބޯން ދީފައި ނުވާތީ ހާލުދެރަވެފައިވުމުގެ ސަބަބުން އެ މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.