ސަރަޔޭވޯ (ފެބްރުއަރީ 9): ބޮސްނިޔާގައި ހިނގަމުންދާ އާދަޔާ ޚިލާފު ހަމަނުޖެހުންތަކުގައި 200 އަށްވުރެ ގިނަ މީހުން ޒަޚަމްވެ ދައުލަތުގެ އިމާރާތްތަކާއި ހަރު މުދަލަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ބޮސްނިޔާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ފަރާތްތަކުން ވަނީ ދައުލަތުގެ އޮފީސްތަކާއި އެތައް މުއައްސަސާއެއްގައި ހުޅުޖަހައި ބައެއް ޢިމާރާތްތައް ބޭނުންނުކުރެވޭ މިންވަރަށް އަންދާލާފަ އެވެ. ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ފަރާތްތަކުން ހުޅުޖަހައި އަންދާލަން މަސައްކަތްކުރި ޢިމާރާތްތަކުގެ ތެރޭގައި ސަރަޔޭވޯގައި ހުންނަ ބޮސްނިޔާގެ ރިޔާސީ ގަނޑުވަރުވެސް ހިމެނޭއިރު އަލިފާނުގެ އަސަރު ރިޔާސީ ގަނޑުވަރަށްވެސް ކޮންމެވެސް ވަރަކަށް ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށާ ރިޔާސީ ގަނޑުވަރުގެ ޢިމާރާތުން ދުންއަރާ މަންޒަރު ފެނިފައިވާ ކަމަށް މުރާސިލުންބުނެ އެވެ.

ބޮސްނިޔާ ސަރުކާރާ ދެކޮޅަށް އިހްތިޖާޖްތައް ކުރަމުންގެންދާ ފަރާތްތަކުން ބުނަނީ އެމީހުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަނޅުކޮށް ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދައިދިނުމުގައި ސަރުކާރު މުޅިން ފޭލްވެފައިވާ ކަމަށާއި ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލާފައިވާ ކަމުގަ އެވެ. ނަމަވެސް ހަރުކަށި ޢަމަލުތައް ހިންގަމުންގެން ދަނީ ނިސްބަތުން މަދުބައެއް ކަމަށް ބޮސްނިޔާ ސަރުކާރުން ބުނެ އެވެ. މީގެ ފަސް ދުވަސް ކުރިން ފެށިގެން ބޮސްނިޔާގެ ސަރުކާރާ ދެކޮޅަށް އިހްތިޖާޖްތައް ކުރިޔަށްދާ ރަށްތަކުގެ ތެރޭގައި ވެރިރަށް ސަރަޔޭވޯގެ އިތުރުން ތުޒްލާ އަދި މުސްތާރު ހިމެނެ އެވެ. މިރަށްތަކުގައި އިހްތިޖާޖްތައް ކުރި ފަރާތްތަކާ ދެކޮޅަށް ބޮސްނިޔާގެ ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)