09 Feb 2014, 20:40
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ނުވަ ބޭފުޅަކަށް ޓިކެޓު ކަށަވަރުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ ތުޅާދޫ ދާއިރާއަށް ކުރުމަތިލެއްވީ އެންމެ ބޭފުޅަކު ކަމަށްވާތީ އެ ދާއިރާއަށް ކުރިމަތިލެއްވި މއ. ބެރިއަންފަރު މުހައްމަދު ޝަފީގަށް ޓިކެޓު ކަށަވަރުވެފައިވާ ކަމަށެވެ.
އިއްޔެ ބޭއްވި ޕީޕީއެމްގެ ޕްރައިމަރީގެ ނަތީޖާއަށް ބަލާއިރު ހުޅުދޫ ދާއިރާގެ ޓިކެޓު ކާމިޔާބުކުރައްވާފައި ވަނީ ސ. ހުޅުދޫ މޭވާގަސްދޮށުގޭ މުހައްމަދު ޝާހިދު އެވެ. ދެ ބޭފުޅަކާ ވާދަކުރައްވައި އޭނާ ޓިކެޓު ކާމިޔާބުކުރެއްވީ 255 ވޯޓުންނެވެ. އޭނައާ ވާދަކުރެއްވި ސ. ހުޅުދޫ ނޫރާނީވިލާ މޫސާ ސިއްދީގަށް 126 ވޯޓު ލިބިވަޑައިގަތް އިރު ސ. މީދޫ ބަހާރުގޭ ޒާހިރާ ނާފިޒަށް ލިބިވަޑައިގަތީ ތިން ވޯޓެވެ.
އުނގޫފާރު ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވީ ރ. މާކުރަތު، ވިދުވަރު ޖައުފަރު ދާވޫދެވެ. ދެ ބޭފުޅަކާ ވަދަކުރައްވައި އޭނާ ޓިކެޓު ހޯއްދެވީ 322 ވޯޓުންނެވެ. އޭނައާ ވާދަކުރެއްވި ރ. މާކުރަތު ވައިމަތީގޭ އަހްމަދު ސައީދަށް ހަތަރު ވޯޓު ލިބިވަޑައިގަތް އިރު މއ. ތިބްރޯޒް ނާޖިހު ޖިނާހުއަށް ލިބިވަޑައިގަތީ 126 ވޯޓެވެ.
އިނގުރައިދޫ ދާއިރާގެ ނަތީޖާ އަށް ބަލާއިރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އުމަރު މަނިކާއި އިތުރު ބޭފުޅަކާއި ވާދަކުރައްވައި ޓިކެޓު ހޯއްދެވީ ރ. އިންނަމާދޫ ސިމްލާ، އިބްރާހީމް ފަލާހު އެވެ. އޭނާ އަށް 512 ވޯޓު ލިބިވަޑައިގެންނެވި އިރު މަނިކަށް ލިބިވަޑައިގަތީ 182 ވޯޓެވެ.
އަލިފުށީ ދާއިރާގެ ޓިކެޓު ހޯއްދަވާފައި ވަނީ އަލިފުށީ ގުލްރައުނާގޭ މުހައްމަދު ޔޫސުފެވެ. އޭނާ އިންތިޚާބު ކާމިޔާބުކުރެއްވީ މ. ރީނާ، މުހައްމަދު ޖިލްވާޒް ޖައުފަރާ ވާދަކުރައްވަ އެވެ. މުހައްމަދު ޔޫސުފަށް 369 ވޯޓު ލިބިވަޑައިގެންނެވި އިރު ޖިލްވާޒަށް ލިބިވަޑައިގަތީ 119 ވޯޓެވެ.
ދުވާފަރު ދާއިރާގެ ޓިކެޓު ކާމިޔާބުކުރެއްވީ ރ. ކަނދޮޅުދޫ ވިލުނުއަލި މުހައްމަދު އަލީ އެވެ. އެންމެ ކެންޑިޑޭޓަކާ ވާދަކުރައްވައި އޭނާ ޓިކެޓު ހޯއްދެވީ 362 ވޯޓުންނެވެ. އޭނައާ ވާދަކުރެއްވި އަހްމަދު ސާލިހު އަށް ލިބިވަޑައިގަތީ 176 ވޯޓެވެ.
ފެލިދޫ ދާއިރާގެ ޓިކެޓު ހޯއްދެވީ ގދ. ތިނަދޫއަށް ނިސްބަތްވާ މަޝްހޫރު ޕައިލެޓެއްކަމަށްވާ އަހްމަދު ތޯރިގް ޒުހައިރު އެވެ. ހަތަރު ބޭފުޅަކާ ވާދަކުރައްވައި އޭނާ އެ ޓިކެޓު ހޯއްދެވީ 34 ވޯޓުންނެވެ.
މަޑަވެލި ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވީ ގދ. މަޑަވެލި، ދުވެލި، އަބްދުﷲ މުހައްމަދެވެ. މ. ދިލޭރާމުގޭ އަހްމަދު ނާޒިމް (ހެރިސް އަންމަޑޭ)އާ ވާދަކުރައްވައި އޭނާ އެ ޓިކެޓު ހޯއްދެވީ 207 ވޯޓުންނެވެ. ހެރިސް އަންމަޑޭ އަށް ލިބިވަޑައިގަތީ 124 ވޯޓެވެ.
ފަރެސްމާތޮޑާ ދާއިރާގެ ޓިކެޓު ހޯއްދަވާފައި ވަނީ ގދ. ފަރެސްމާތޮޑާ ނޫވިލާގޭ ހުސައިން މުހައްމަދު ލަތީފެވެ. ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސިއްދީގާއި އިތުރު ބޭފުޅަކާއި ވާދަކުރައްވައި ލަތީފް އެ ޓިކެޓު ކާމިޔާބުކުރެއްވީ 343 ވޯޓުންނެވެ.